މި މަހު އެމްއެންޔޫއިން 900އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވޭ

އެމްއެންޔޫގެ މޭ ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

މި މަހު ގައުމީ ޔުނިވާސިޓީން 900އަށް ވުރެ ދަރިވަރުން ދަސްވެނިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

ދެ ދުވަހުގެ މައްޗަށް ބަހާލައިގެން އެމްއެންޔޫގެ މި އަހަރުގެ ފުރަތަމަ ގްރެޖުއޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ފުރަތަމަ ދަންފަޅި މިއަދު ހެނދުނު 09:30 ގައި ވަނީ ބާއްވާފައެވެ. ދެވަނަ ދަންފަޅި މިރޭ 20:30ގައި އޮންނާނެއެވެ. އަދި، މާދަމާ ހެނދުނު 09:30 އާއި މާދަމާރޭ 20:30 ގައި ވެސް ދަސްވެނިވުމުގެ ހަފުލާގެ ދަންފަޅިތައް ކުރިއަށްދާނެއެވެ.

މިއަދުގެ ފުރަތަމަ ދަންފަޅި ހާއްސަކޮށްފައި ވަނީ ސްކޫލް އޮފް ނާސިންނަށާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސްއަށެވެ. މިރޭގެ ދަންފަޅި ފެކަލްޓީ އޮފް އެޑިއުކޭޝަން (މާސްޓާސް) އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަށް ހާއްސަކޮށްފައި ވާއިރު، މާދަމާގެ ހެނދުނުގެ ދަންފަޅި ހާއްސަވަނީ ފެކަލްޓީ އޮފް އާޓްސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން (ބެޗްލާސް)އަށެވެ.

އެމްއެންޔޫގެ މޭ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ހަމަ އެއާއެކު، މާދަމާ ރޭގެ ދަންފަޅި ހާއްސަކޮށްފައި ވަނީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އާއި ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ އިތުރުން އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ދަރިވަރުންނަށެވެ.

މިފަހަރު ޖުމުލަ 989 ދަރިވަރުން ދަސްވެނިވާއިރު، މި ދަރިވަރުންގެ ތެރޭގައި މެޑިސިން ކިޔަވާ ދަރިވަރުން ނޫން އެހެން ހުރިހާ ދަރިވަރުން ހިމެނެއެވެ.

މީގެ އިތުރުން، ގައުމީ ޔުނިވާސިޓީގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، ގްރެޖުއޭޝަންގައި އެ ޔުނިވާސިޓީގެ ހުރިހާ ކެމްޕަހަކުން ދަރިވަރުން ހިމެނޭ ކަމަށެވެ.

މި ދަސްވެނިވުން ބާއްވަނީ އެމްއެންޔޫގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ.

comment ކޮމެންޓް