ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން އަންނަ މަހު

2019 ވަނަ އަހަރު ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގައުމީ ޔުނިޥަސިޓީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

އެމްއެންޔޫއިން ބުނީ މި ދަސްވެނިވުން ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.

އެ ޔުނިވާސިޓީން ބުނީ މި ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އެއް ސެޝަނަށް ކަމަށެވެ.

އޮކްޓޫބަރު މަހު އޮންނަ މި ދަސްވެނިވުމުގައި މިއަހަރު 700 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެ ކަމަށާއި، 300 އަށް ވުރެ ގިނަ ދަރިވަރުން ޖަލްސާގައި ބައިވެރިވާނެކަމަށްވެސް އެ ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.

އެމްއެންޔޫއިން ބުނީ އޮކްޓޫބަރު މަހު އޮންނަ ދަސްވެނިވުމުގައި އެ ޔުނިވާސިޓީގެ އަށް ފެކަލްޓީއެއްގެ ދަރިވަރުން ދަސްވެނިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ...

  • ސްކޫލް އޮފް ނާސިން
  • ފެކަލްޓީ އޮފް ހެލްތު ސައިންސަސް
  • ފެކަލްޓީ އޮފް އެޑިއުކޭޝަން
  • ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ
  • ފެކަލްޓީ އޮފް އާޓްސް
  • ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
  • ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
  • އެމްއެންޔޫ ބިޒްނަސް ސްކޫލް

މި އަހަރުގެ މޭ މަހުގައި ވެސް އެމްއެންޔޫއިން ވަނީ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ދަސްވެނިވެފައެވެ. އެ ދަސްވެނިވުމުގައިވެސް 400 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަން އެމްއެންޔޫއިން ފާހަގަ ކުރައްވައިފައިވެއެވެ.

comment ކޮމެންޓް