އެއާޕޯޓް ރަންވޭގެ "ސިމެންޓް އެގްރިގޭޓް" ލޭޔަރުގެ މަސައްކަތް ފަށައިފި

ވީއައިއޭގައި އަލަށް އަޅާ ރަންވޭގެ ސަބް ބޭހުގައި ހިމެނޭ ސިމެންޓް އެގްރިގޭޓް ލޭޔާގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއޭސީއެލް، ޓުވިޓާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް އަޅާ ރަންވޭގެ ސަބް ބޭހުގައި ހިމެނޭ ސިމެންޓް އެގްރިގޭޓް ލޭޔާގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖާ ހަސަން އަރީފް "ސަން" އަށް މިއަދު ވިދާޅުވީ 20 ސެންޓިމީޓަރު ބޯމިނުގައި މިއަދު އަޅަން ފެށި ލޭޔަރުގެ މަސައްކަތް ނިންމައިލުމަށް ފަހު ދެން އަޅާނީ އަސްފާލްޓް ކޮންކްރީޓް ލޭޔަރެއް ކަމަށެވެ.

"މިއަދު އަޅަން މިފެށީީ ސިމެންޓްް އެގްރިގޭޓް ލޭޔަރެއް، އޭގެ ތިރިން އިންނާނީ ސިމެންޓް، ސޭންޑް ލޭޔަރެއް. ދެން އެގްރިގޭޓް ލޭޔަރަށް ފަހު އަންނާނީ އަސްފާލްޓް ކޮންކްރީޓް ލޭޔަރެއް. މިއަދު ވަނީ ފުޅާމިނުގެ 60 މީޓަރު އަދި ދިގުމިނުގެ 150 މީޓަރު ނިންމައިފައި،" ހަސަން ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީގެ މަސައްކަތުގެ ދަށުން ވެލާނާ އެއާޕޯޓަށް 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭއެއް އަޅާނެ އެވެ. މި ރަންވޭ އަކީ ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓްތަކަށް ޖެއްސޭވަރަށް ހަދާ ރަންވޭއެއް ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެއާޕޯޓް ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕު (ބީޔޫސީޖީ) އިންނެވެ.

comment ކޮމެންޓް