އުތުރުތިލަފަޅު މަޝްރޫއު: ބައެއް ކާތަކެތި އިމްޕޯޓުކުރާ މިންވަރަށް ވުރެ އިތުރަށް ހެއްދޭނެ

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: މިނިސްޓަރު ވިދާޅުވި ގޮތުގައި އުތުރުތިލަފަޅުގަ ހިންގާ މަޝްރޫއިން ރާއްޖޭގެ ހުރިހާ ރަށެއްގެ އަހަރެއްގެ އިންޕޯޓަށްވުރެ އިތުރަށް ބައެއް އެއްޗެހި އުފެއްދޭނެ --

އުތުރުތިލަފަޅުގައި ހިންގުމަށް ނިންމައިފައިވާ ދަނޑުވެރިކަމުގެ މަޝްރޫއުގެ ތެރެއިން ބައެއް ކާތަކެތި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުންކުރުމަށް އަހަރެއް ތެރޭ އިމްޕޯޓުކުރާ މިންވަރަށް ވުރެ އިތުރަށް ހެއްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިންގެ ކެއިންބުއިމަށް ބޭނުންކުރާ ބައެއް ބާވަތްތައް، މި ސަރުކާރުން އިއުލާންކޮށްފައިވާ ފުޑް ސެކިއުރިޓީ ޕްރޮގްރާމަށް ވުރެ އިތުރަށް އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

"އުތުރުތިލަފަޅުގައި ހިންގާ މި މަޝްރޫއަކީ މުޅި ދިވެހިރާއްޖޭގެ ޓުއަރިސްޓު ރިސޯޓްތަކާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އަހަރެއްގެ އިމްޕޯޓަށްވުރެ އެކްސެސްވާނެ ވަރަށް އެއްޗެހި، ބައެއް އެއްޗިއްސަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީއާއެކު މި މަޝްރޫއުގެ ދަށުން ފަތްޕިލާވެލީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް އުފެއްދޭނެ ކަމަށެވެ.

އޭގެއިތުރުން، އުތުރުތިލަފަޅުގައި ރިސާޗް ލެބްތައް ގާއިމުކުރާނެކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ފަރުމަހާއި ސީފުޑްގެ ބާވަތްތައް އާލާކުރެވޭނެ ކުރެވޭނެ ގޮތްތައް އެތަނުގައި ހުންނާނެ ކަމަށެވެ.

"ބޮޑު އެޑްވާންސްޑް ސިޓީއެއް ގޮތަށް، ފުޑް ސިޓީއެއް ގޮތަށް އެތަން މި ޑިވެލޮޕްކުރަނީ. ވަރަށް ބޮޑު މަޝްރޫއެއް. އެއީ ރައީސްގެ އެންމެ ބޮޑު އެއް އަމާޒު،" ސައީދު ވިދާޅުވިއެވެ.

އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފައެވެ.

ސަރުކާރުން ބުނާ ގޮތުގައި، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ރާއްޖޭގައި މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ އުފައްދާމިންވަރު އިތުރުކުރުމާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި އިގްތިސާދީ ތަރައްގީ ހޯދައިދިނުމާ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިވެންސްޓްމެންޓް ހޯދުމެވެ.

މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ތަކެތި ޑިސްޓްރިބިއުޓްކުރާ ސެންޓަރެއްގައި ގޮތުގައި ދަނޑުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްގީކުރުމަށްވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން އުތުރުތިލަފަޅުގައި ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލް ގާއިމްކޮށް، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ވެސް ތަރައްގީކުރުމަށް ވަނީ ހިމަނާފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ މޭވާއާއި ތަރުކާރީއަށް އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނުކުރާ ބަޔަކު ވެސް މި މަޝްރޫއު ނިމޭއިރު ތިބޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ސީއެޗްއީސީން ބުނެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ޚަރަދުތައް 40 އިންސައްތައިން ދަށްކުރުމަކީ މި މަޝްރޫއުގެ އަމާޒެކެވެ.

comment ކޮމެންޓް