ފަސް މީހެއްގެ ފައިގައި ޓެގް އަޅުވައިފި ކަމަށް ފުލުހުން ބުނެފި

މީހެއްގެ ފައިގަ ޓެގް އަޅުވާފަ-- އެނިޒާމުގެ ސަބަބުން ކުށްވެރިން ކޮންޓުރޯލް ކުރެވޭ-- ފޮޓޯ: ފުލުހުން

މޮނިކޮން އަމުރު ތަންފީޒު ކުރުމުގެ ގޮތުން ފަސް މީހެއްގެ ފައިގައި ޓެގް އަޅުވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މޮނޮކޮން ނިޒާމުގެ ތެރެއިން މިވަގުތު ފަސް މީހަކު ބަލަހައްޓަމުން އަންނަކަން ޔަގީންކޮށްދޭ ކަމަށެވެ.

"އަމުރުތައް ތަންފީޒު ކުރެވޭ މިންވަރުން އަޕްޑޭޓްތައް ހިއްސާކޮށްދެވޭނެ ވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ފުލުހުން ހޯމް މިނިސްޓްރީގައި އެދުނީ 16 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓުގައި އެދުމުގެ ހުއްދައަކަށެވެ. ނަމަވެސް މޮނިކޮން އަމުރާ ގުޅޭ ކޮމެޓީން ހުއްދަދޭން ނިންމީ ނުވަ މީހަކަށް މޮނިކޮން އަމުރު ނެރެން ހައިކޯޓަށް ހުށަހެޅުމަށެވެ.

ފުލުހުން މީގެކުރިން ބުނެފައި ވަނީ ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓުގައި ވަނީ އެދިފައި ކަމަށެވެ. އޭގެތެރެއިން ހަތަރު މީހެއްގެ މައްޗަށް އަމުރު ނެރުނުކަން ކަށަވަރުކޮށްދިން ނަމަވެސް ބާކީ ތިބި ހަތަރު މީހުންނަށް އަމުރު ނެރުނުކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއްނުކުރެއެވެ.

ހައިކޯޓުގެ އިންފޮމެޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވީ މޮނިކޮން އަމުރާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެ ކޯޓުން މީޑިއާއަށް ހިއްސާ ނުކުރާނެ ކަމަށެވެ.

comment ކޮމެންޓް