ހުއްދަ ނެތް ޓެކްސް އޭޖެންޓުންނާމެދު ސަމާލުވާން މީރާއިން އިލްތިމާސް ކޮށްފި

މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ): ސަން ފައިލް ފޮޓޯ

ޓެކްސް އޭޖެންޓުންގެ މަސައްކަތް ހުއްދަނެތި ކޮށްދޭ ފަރާތްތަކާމެދު ސަމާލުވުމަށް މީރާއިން އިލްތިމާސް ކޮށްފިއެވެ.

މީރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޓެކުހުގެ ބޭނުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސްގެ އަދަދުތައް ހިސާބުކުރުމުގެ މަސައްކަތް މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓުން ނޫން އެހެން ފަރާތްތަކުން ކުރަމުން ދާ ކަމަށެވެ.

މީރާއިން ބުނީ، އެފަދަ ބައެއް ފަރާތްތަކުން ތައްޔާރުކުރާ ލިޔެކިޔުންތަކާއި ހިސާބުތައް ތައްޔާރުކޮށްފައި ހުންނަނީ، ޓެކުހާ ގުޅޭ އެކަށީގެންވާ ސައްހަ މައުލޫމާތު ނުހިނަމައި ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްސްދައްކާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަން މީރާއިން ފާހަގަކުރެއެވެ.

ޓެކުހުގެ މުއާމަލާތްތަކަކީ ފައިސާއާ ގުޅުންހުރި މަސައްކަތްތަކަށްވާތީ، އެ ފަދަ މުހިންމު މަސައްކަތެއް ވަކި ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ފަރާތަކީ މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓެއްތޯ ޔަގީން ކުރުމުގެ މުހިއްމުކަމަށް މީރާއިން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.

މީރާއިން ބުނީ، އެ އެއޮތޯރިޓީގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓުންގެ ލިސްޓް މީރާގެ ވެބްސައިޓް (www.mira.gov.mv) އިން ލިބެންހުންނާނެ ކަމަށެވެ.

comment ކޮމެންޓް