މެސީގެ 100 ވަނަ ލަނޑާއެކު ބާސާއަށް ފަސޭހަ މޮޅެއް

އޮޕިމްޕިއާކޯސް އާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ-- ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލަޔަނަލް މެސީ ޖެހި 100 ވަނަ ލަނޑާއެކު ބާސެލޯނާ އިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބާސާގެ ކޭމްޕް ނޫގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-3 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗުގައި ބާސާގެ ސަޕޯޓަރުންގެ ފަރާތުން ބައެއް ހަމަނުޖެހުން ފެނިގެން ދިޔަ ނަމަވެސް އޭގެ ސަބަބުން ބާސާގެ ކުޅުމަށް އަސަރެއް ކޮށްފައެއް ނުވެއެވެ. މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ވެސް ބާސާ އެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ލުއިސް ސުއަރޭޒަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ގޯލު ފޫ އަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ.

އޮޕިމްޕިއާކޯސް އާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ-- ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާ އާއި އޮލިމްޕިއާކޯސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޯޓޯ: އޭޕީ

ބާސާގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އޮލިމްޕިއާކޯސްގެ ޑިފެންޑަރު ނިކޮލައުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް ވަނީ ދެ ރީނދޫ ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ޮޕީކޭ ދަނޑުން ފޮނުވާލި ނަމަވެސް ބާސާއިން ދިޔައީ ދެވަނަ ހާފުގައި ވެސް އޮލިމްޕިއާކޯސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާ އަކަށް ވީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ އޭނާގެ 100 ވަނަ ޗެމްޕިއަންސް ލީގު ގޯލު ޖަހައި ބާސާގެ ލީޑު ފުޅާ ކޮށްދިނުމެވެ. މިއާއެކު މެސީ ވެގެން ގޮސްފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހު ޔޫރަޕުގައި 100 ލަނޑު ހަމަ ކުރި ދެވަނަ ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގައި ބާސާގެ ތިން ވަނަ ލަނޑު ޖަހައި ދިނީ އޭގެ ތިން މިނެޓު ފަހުން ޑިފެންޑަރު ލުކަސް ޑީނޭ އެވެ. މެޗުގެ ނިމުމުގެ ކުރިން އޮލިމްޕިއާކޯސް ވަނީ ލަނޑެއް ޖަހައި ބާސާގެ ލީޑު ކުޑަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ބައިކޮޅަށް ލަނޑު ޖެހި ނިކޮލައު އެވެ.

ގްރޫޕު 'ޑީ' ގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓާއެކު ބާސާ ވަނީ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގަ އޮތް ޔުވެންޓަސްއަށް ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

comment ކޮމެންޓް