ކުއާޓާގައި ބްރެޒިލާއި ޖަރުމަނުގެ ކުރިމަތިލުމެއް

ބްރެޒިލް އާއި ހޮންޑިއުރަސް ބައްދަލު ކުރި މެޗުގެ ތެރެއިން--

އިންޑިއާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ބްރެޒިލާއި ގާނާ ދަތުރު ކޮށްފިއެވެ.

މުބާރަތުގެ ކުއާޓާއަށް ބްރެޒިލް ދަތުރު ކުރީ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު 0-3 އިން ހޮންޑިއުރަސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗު ފެށިގެން ނިމެންދެން ބޯޅަ ގިނަ ވަގުތު ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ބްރެޒިލް އިންނެވެ. އެގޮތުން މެޗުގެ މެޗުގެ 11 ވަނަ މިނެޓުގައި ބްރެނާ ވަނީ ލަނޑެއް ޖަހައި ބްރެޒިލް އަށް ލީޑު ނަގައިި ދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކޯސް އެންޓޯނިއޯ ވަނީ ލަނޑެއް ޖަހައި ބްރެޒިލްގެ ލީޑު ފުޅާ ކޮށްދީފައެވެ.

ދެ ވަނަ ހާފުގައި ހޮންޑިއުރަސް އިން، ބަދަލުތަކެއް ގެނެސް މެޗަށް އެނބުރި އައުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށް ވީ ބްރެޒިލް އިން ތިން ވަނަ ލަނޑެއް ޖަހައި ކުއާޓާގެ ޖާގަ ޔަގީން ކުރުމެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ޖަހައި ދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ބްރެނާ އެވެ.

ކުއާޓާ ފައިނަލުގައި ބްރެޒިލް ވާދަކުރަން ޖެހޭނީ ވަރުގަދަ ޖާމަނީ އާއެވެ. މި މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ބްރެޒިލްގެ އިތުރުން ކުއާޓާގެ ޖާގައެއް ގާނާ އިން ވެސް ވަނީ ކަށަވަރު ކޮށްފައެވެ. ގާނާ ކުއާޓާގެ ޖާގައެއް ކަށަވަރު ކުރީ ނައިޖާ އާ ދެކޮޅަށް ކުޅުނު މެޗު 0-2 އިން ކާމިޔާބު ކޮށްގެންނެވެ. ގާނާގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އެރިކް އައިޔަހް އެވެ. ދެވަނަ ލަނޑު މެޗު 90 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރިޗާޑް ޑެންސޯއެވެ.

ކުއާޓާގައި ގާނާ ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން މާލީ އާއެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް