ގެނބުނު ފުލުސް މީހާ ސަލާމަތް ކުރަން ދިޔަ ފުލުހަކު އެކްސިޑެންޓްވެ މާލެ ގެންނަނީ

ގއ. ވިލިނގިލި: ގެނބުނު ފުލުސް މީހާ ސަލާމަތް ކުރަން ދިޔަ ފުލުހަކު އެކްސިޑެންޓުވެ، ވަރަށް ބޮޑަށް އަނިޔާވެފައިވޭ--- ސަން ފައިލް ފޮޓޯ

ގއ. ވިލިނގިލީކައިރީ އޮތް ފަޅުރަށަކަށް ދަތުރު ގޮސްގެން އުޅެނިކޮށް މިއަދު ގެނބުނު ފުލުސް މީހާ އާއި އޭނާގެ އަންހެނުން ސަލާމަތް ކުރަން ދިޔަ ފުލުހަކަށް އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ނަޒްލީން ނަޖީބު "ސަން" އަށް ވިދާޅުވީ، އެ ފުލުސް މީހާ މާލެ ފުރުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "ސަން" އަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ ޕޮލިސްޓޭޝަނުން ނުކުމެގެން ފަޅުރަށަށް ދިޔުމަށްޓަކައި ވިލިނގިލީ ތުނޑީކޮޅަށް ސައިކަލްގައި ފުލުސް މީހާ ދަނިކޮށް، 18 އަހަރުން ދަށުގެ ކުއްޖަކު ދުއްވި ސައިކަލެއްގައި ޖެހި ކަމަށެވެ.

"18 އަހަރުން ދަށުގެ ކުއްޖާ އަކީ ފުލުސް މީހާ އާއި އޭނާގެ އަންހެނުން ގެނބުނު ކަމުގެ މައުލޫމާތު ހިއްސާކުރުމަށް ދިޔަ ކުއްޖެއް،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އެކްސިޑެންޓުގައި ފުލުސް މީހާގެ ދަތްތަކެއް ބިންދައިގެން ގޮސްފައިވާއިރު، ކަނާތްފަރާތު މޫނު ޗިސްވެފައިވާ ކަމަށެވެ.

comment ކޮމެންޓް