ސޮފްޓްވެއާ އެޕްލިކޭޝަން އުފެއްދުމުގެ މުބާރާތެއް ބާއްވަން ނިންމައިފި

އިންވެސްޓްމެންޓް ފޯރަމެއްގައި އެޕްތަކާ އެކު ބައިވެރިވި ފަސް ޒުވާނުންނާ އެކު އިކޮނޮމިކް މިނިސްޓަރު ސައީދާއި ނައިބު ރައީސް ޖިހާދު -- ފޮޓޯ/ ރައީސް އޮފީސް

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންޑަސްޓްރީ ކުރިއެރުމަށް "ފައިވް ބެސްޓް އެޕް ޗެލެންޖް"ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނާއި ސޮފްޓްވެއާ އުފެއްދުމުގެ މުބާރާތެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ގެޒެޓްކުރި ނޫސްބަޔާނެއްގައި ބުނީ، އެ މުބާރާތަކީ އައިސީޓި ދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމުގެ މަގުސަދުގައި ހުރިހާ ދާއިރާތަކެއް ހިމެނޭގޮތަށް، މުޖުތަމަޢުއަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަނާއި ސޮފްޓްވެއާ އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާން ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މުބާރާތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކުގައި ހައްލު ލިބިގެންދާނެ ފަދަ އެޕްލިކޭޝަންތަކެއް އުފެއްދިގެންނާނެ ކަމަށެވެ. އަދި އެ މުބާރާތުގައި ހިލޭ ބައިވެރިވެވޭ އިރު ވަކި ފަރުދުންނާއި އޯގަނައިޒޭޝަންތަކުން ވެސް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފޯމު ހުށައަޅަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ބައިވެރިވުމަށް އެދި ފޯމް ހުށައަޅާ ފަރާތްތަކުން ބައިވެރިކުރާ ސޮފްޓްވެއާގެ ޕްރެޒެންޓޭޝަން ދިނުން 20 އިން 23 އަށް ކުރިޔަށްދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މުބާރާތުން އެއް ވަނަ އަށް ދާފަރާތް ހޮވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި އެ މުބާރާތުގައި އެއް ވަނަ އަށްދާ ފަރާތަކަށް އަންނަ އަހަރު ޑިސެމްބަރު މަހު ދުބާއީގައި ބާއްވާ މޯލްޑިވިއަން އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓީ އިން ބުންޏެވެ.

އެ މުބާރާތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޕޭޕާ އަދި ބައިވެރިވުމަށް އެދޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް