މިއީ ބައިވެރިޔާ ތިބާދެކެ ފޫހިވެއްޖެ ކަމުގެ ނިޝާންތަކަށް ވެދާނެ!

--/

ދެމީހަކު އެކުގައި ކައިވެނިކޮށްގެން އުޅެނިކޮށް، އެ އުފާވެރި ހަޔާތަށް އެޅިދާނެ އެންމެ ބޮޑު އެއް ހިޔަންޏަކީ އެކަކު އަނެކަކު ދެކެވާ ލޯބި ފަނޑުވުމާއި، ބައިވެރިޔާ ދެކެ ފޫހިވެ، އިތުރަށް އެކުގައި އުޅެން ބޭނުން ނުވުމެވެ. އަނބިމީހާ ދެކެ ވާލޯތްބަށް ބަދަލު އައިސް ފިރިމީހާ އަނބިމީހާ މަތިން ފޫހިވުމަކީ އަނބިމީހާއަށް ކެތްކުރަން ދަތި ވޭނަކަށް ވާނެއެވެ. ފިރިމީހާ މަތިން އަނބިމީހާ ފޫހިވެއްޖެ ނަމަ، ފިރިމީހާ އަށްވެސް އިހްސާސް ކުރެވޭނީ މިފަދަ ގޮތެކެވެ.

ލޯބިން ގުޅުނު ބައިވެރިޔާ، ތިބާ ދެކެ ފޫހިވެއްޖެކަން ނޫނީ ލޯބިނުވާކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ފަހަރުގައި ބައިވެރިޔާގެ އަނގައިން މިވާހަކަ ނުބުނެ ހުރެދާނެއެވެ. ނަމަވެސް އަމަލުތައް ހުންނަ ގޮތުން މިކަން ދެނެގަތުމަކީ ފަސޭހަ ކަމެކެވެ.

ޚާއްސަ ދުވަސްތައް ހަނދާން ނުބެހެއްޓުމާއި އެކުގައި ވަގުތު ހޭދަކުރަން ބޭނުން ނުވުން

އުފަންދުވަސް، އެނިވާސަަރީ އަދި އެނޫންވެސް ހާއްސަ ތާރީހުތައް ބައިވެރިޔާގެ ހަނދާނުން ކައްސާލާނަމަ، ނޫނީ އެފަދަ ދުވަސްތަކަށް މީގެ ކުރިންދޭ ސަމާލުކަން ބައިވެރިޔާގެ ފަރާތުން ނުފެންނަ ނަމަ އެއީ އޭނާ ތިބާ މަތިން ފޫހިވެއްޖެ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. މީގެ ކުރިން ދެމީހުންގެ އެނިވާސަރީ ފާހަގަކުރަމުން އައިސް ކުއްލިއަކަށް އެކަން ކުރަން ބޭނުން ނުވުން، ނޫނީ އެކުގައި ވަގުތު ހޭދަކުރަން ބޭނުން ނުވުމަކީ ބައިވެރިޔާ، ދެމީހުންގެ ގުޅުމަށް އަހައްމިއްޔަތުކަން ނުދޭ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު ނަމަވެސް ދެމީހުން އެކީ ޗުއްޓީ އެއް ހަދާލާ، އެކުގައި ވަގުތު ހޭދަކުރުމަކީ ގުޅުން ވަރުގަދަވާނެ ކަމެކެވެ. މިކަން މިހެން އޮއްވައި ހަފްތާގެ ހަތް ދުވަހުގެ ތެރެއިން އެއްމެ ދުވަހެއްވެސް ދެމީހުން އެކުގައި ހޭދަކޮށްލުމަށް ހުސްކޮށްނުދެވޭނަމަ ދެމީހުންގެ ގުޅުން އިތުރަށް ކުރިއަށް ގެންދަން ބައިވެރިޔާ ބޭނުން ނުވަނީ ކަމަށް ވެދާނެއެވެ.

ކުށްވެރި ކުރުން

ދެމީހުންގެ ގުޅުމުގައި ޖެހޭ މައްސަލަތަކުގެ ޒިންމާ އަބަދު ތިބާގެ ބޮލުގައި އެޅުވުމަށް ބައިވެރިޔާ މަސައްކަތް ކުރޭހެއްޔެވެ؟ އޭނާގެ ފަރާާތުން ފެންނަ ނުރަނގަޅު ކަންތަކުގެ ޒިންމާވެސް އަޅުވަނީ ތިބާގެ ބޮލުގައި ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިގުޅުމަކީ އެއްވެސް އަގެއް ނެތް ގުޅުމެއް ކަމަށް ބައިވެރިޔާ ނިންމީއެވެ. ތިބާ އަކީ އޭނާގެ ކުރިމަތީ އަގެއް ހުރި މީހެއް ނޫންކަމަށް އޭނާ ދެކެނީއެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ނިމުމަކަށް ގެނައުމަށް ބައިވެރިޔާ ބޭނުން ވަނީއެވެ.

ގަބޫލު ނުކުރުން

ބައިވެިރޔާގެ ފަރާތުން ފެންނަ ކުށް ގަބޫލު ކުރަން އޭނާ ބޭނުން ނުވާނަމަ، އެއީވެސް ތި ގުލުން މަތިން ބައިވެރިޔާ ފޫހިވެފައި ހުރިކަމުގެ ނިޝާނަކަށް ވެދާނެއެވެ. ބައިވެރިޔާގެ ފަރާތުން ފެންނަ ނުރަނގަޅު ކަމެއް ބަދަލު ކުރަން އެދުމުން އެކަމަށް ނޫނެކޭބުނެ ރުޅިއައުމާ، ކައިވެނީގެ ބޭރުން އެހެން ގުޅުންތައް ބާއްވާ، އެކަމަށް އެއްބަސް ނުވުމަކީވެސް ކައިވެނި ނިމުމަކަށް ގެނައުމަށް ބައިވެރިޔާ ބޭނުންވާ ކަމުގެ ހެއްކެކެވެ.

ބަލައިނުގަތުން

ބައިވެރިޔާއަށްޓަކައި، ދެމީހުންގެ ގުޅުން ދެމެހެއްޓުމަށްޓަކައި ތިބާ ކޮށްދޭ އެއްވެސް ކަމެއް ބަލައިގަނެ އެކަމަށް ޝުކުރުވެރިވުމަށް ބައިވެރިޔާ ބޭނުން ނުވާނަމަ އެއީވެސް ދެމީހުންގެ ގުޅުން ނިންމައިލުމަށް ބައިވެރިޔާ ބޭނުންވާކަމުގެ ހެއްކެކެވެ. ތިބާ ކުރާ ކަންތަކަށް އަބަދު ފާޑުކިޔާ، ހިތުގައި ޖައްސަން މަސައްކަތް ކުރުމަކީވެސް އެކަމުގެ ނިޝާނެކެވެ. ކުރުކޮށްބުނާނަމަ، ތިބާ ކުރާ އެއްވެސް ކަމެއް މިފަދަ ހާލަތެއްގައި ބައިވެރިޔާއަށް ކަމަކު ނުދާނެއެވެ. ލާ ހެދުމާ، ބޮލުގައި ފުނާ އަޅާގޮތް، ކައްކާފައި ހުންނަ ކާއެއްޗެހި އަދި އެންމެ ކުޑަމިނުން ތިބާ ހިނގާ ގޮތާ މެދުވެސް ބައިވެރިޔާ ހިތްހަމަ ނުޖެހި ވާހަކަ ދައްކާނެއެވެ.

comment ކޮމެންޓް