ގަތަރުގެ އަމީރު އިނޑޮނީޝިޔާއަށް ވަޑައިގެންފި

ގަތަރުގެ އަމީރު ސިންގަޕޫރުގެ ރައީސާ ހަލީމާ އާ ބައްދަލުކުރައްވަނީ

ޖަކާޓާ (އޮކްޓޯބަރ 18): ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އޭޝިޔާގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާއަށް ވަޑައިގެންފިއެވެ.

ޖަކާޓާގެ ސްކާނޯ ހަނާގެ ވައިގެ ބަނދަރުން ޝައިޚް ތަމީމްއަށް މަރްހަބާ ދެންނެވީ އިންޑޮނީޝިޔާގެ ވިޔަފާރިއާބެހޭ ވަޒީރެވެ. މިއަދުގެ ވަގުތެއްގައި ޝައިޚް ތަމީމް އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. ރަސްމީ މަޝްވަރާތަކުގެ ކުރިން ރަސްމީކޮށް ގަތަރުގެ އަމީރަށް މަރްހަބާ ދެންނެވުމުގެ ޚާއްސަ ރަސްމިއްޔާތެއް އިންޑޮނީޝިޔާގެ ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އިންޑޮނީޝިޔާއަށް ވަޑައިގެންނެވުމުގެ ކުރިން ޝައިޚް ތަމީމްވަނީ ސިންގަޕޫރަށް ވަޑައިގެން ސިންގަޕޫރުގެ ރައީސާ ހަލީމާ ބިންތި ޔައުގޫބް އާ ބޮޑުވަޒީރު ލީ ސުން ލޮންގް އާ ބައްދަލުކުރައްވާފައެވެ. ގަތަރުގެ އަމީރު ސިންގަޕޫރުގެ ލީޑަރުންނާ ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިގްތިސާދީ ކަންކަމާބެހޭގޮތުންނެވެ. މިގޮތުން ގަތަރުން ސިންގަޕޫރުގައި އިންވެސްޓް ކުރުމާބެހޭގޮތުންނާއި ދެގައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޚާއްސަކޮށް ދެގައުމުގެ ދެމެދުގައި މިހާރު އިންޕޯޓް އެކްސްޕޯޓްކުރާ މުދަލުގެ މިންވަރު މަތިކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން ގަތަރުގެ އަމީރުވަނީ މެލޭޝިޔާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާޤް އާ ބައްދަލުކުރައްވާފައެވެ. ގަތަރުގެ އަމީރު މެލޭޝިޔާގެ ބޮޑުވަޒީރާ ކުރެއްވި މަޝްވަރާތައްވެސް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިގްތިސާދީ ކަންކަމާބެހޭގޮތުންނެވެ.

ގަތަރަކީ މެލޭޝިޔާއާއި އިންޑޮނީޝިޔާގައިވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ގައުމެކެވެ. މިއީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފަހުން ގަތަރުގެ އަމީރު އޭޝިޔާގެ ގައުމުތަކަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

މެލޭޝިޔާ ސިންގަޕޫރު އަދި އިންޑޮނީޝިޔާއަކީ ގަތަރާއި ސައޫދީ އާ ޖެހިފައިވާ މައްސަލާގައި ވަކިކޮޅަކަށް ޖެހިފައިނުވާ ގައުމުތަކެވެ. އަދި ސައޫދީ އިސްކޮށް އޮވެގެން ޔަމަންގައި ހަނގުރާމަ ކުރުމަށް އެކުލަވާލި ކޯލިޝަންގައި ބައިވެރިވުމަށްވެސް އިންޑޮނީޝިޔާއާއި މެލޭޝިޔާއިންވަނީ ދެކޮޅު ހަދާފައެވެ. އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ހައްޖު ކޯޓާ އެގައުމަށް މަދުން ދޭ ކަމަށް ވިދާޅުވެ ސައޫދީއަށް ފާޑުވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް