އިސްރާއީލުގެ ޕާސްޕޯޓު އޮތް މީހަކަށް ބަޑި ފޯރުކޮށްދިނުމުގެ ތުހުމަތުގައި މެލޭޝިޔާއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ދެމަފިރިއަކު ވެސް ހިމެނެއެވެ. އެމީހުންގެ ބަންދަށް މިހާރު ވަނީ ހަތް ދުވަސް ޖަހާފައެވެ.
ބަޑި ގެންގުޅުނު 36 އަހަރުގެ މީހާ ވަނީ މެލޭޝިޔާގެ ވެރިރަށް ކުއާލަލްލަމްޕޫރުގެ ހޮޓަލަކުން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރިއިރު، އެ މީހާގެ އަތުން ހަ ބަޑިއާއި 200 ވަޒަން ފެނިފައިވާ ކަމަށް މެލޭޝިޔާ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް، ރަޒާރުއްދީން ހުސައިން ވިދާޅުވިއެވެ. އަދި އެ މީހާ މެލޭޝިޔާއަށް އެތެރެވެފައި ވަނީ މާޗު މަހުގެ 12 ވަނަ ދުވަހު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ފަރަންސޭސިވިލާތުގެ ފޭކް ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މީހާ އަތުން އިސްރާއީލުގެ ޕާސްޕޯޓު ފެނިފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. ހަތިޔާރު ހޯދުމަށް އޯޑަރު ދީފައި ވަނީ މެލޭޝިޔާއަށް އެތެރެވުމަށްފަހު ކަމަށާއި އެ ތަކެއްޗަށް ވާ ފައިސާ ދައްކައިފައިވަނީ ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބެލުމުން ހާމަވެފައިވެއެވެ.
އެމީހާއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ މެމްބަރެއް ކަމަށް ތުހުމުތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ މެލޭޝިޔާއަކީ ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. މެލޭޝިޔާއިން އަންނަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މެލޭޝިޔާގައި ފަލަސްތީނުގެ 600 އެއްހާ ރެފިއުޖީން ދިރިއުޅެމުންދާ ކަމަށް އދ.ގެ ރެފިއުޖީ އެޖެންސީން ބުނެއެވެ.