ޖޭޕީގެ ރިޔާސީ ޓިކެޓް ޑރ. މުނައްވަރު ހޯއްދަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެ

ޑރ. މުނައްވަރު އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު މާފަންނު ކުނޫޒުން މިއަދު ނުކުމެވަޑައިގަންނަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

އެފަދަ އަޑުތަކެއް ފެތުރިފައި ވަނިކޮށް، މިއަދު މެންދުރުގެ ވަގުތެއްގައި ޑރ. މުނައްވަރު ވަނީ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު އާއި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޝިދާތާ ޝަރީފެވެ.

ނަމަވެސް ޖޭޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާކަން ޑރ. މުނައްވަރު ދޮގު ކުރައްވަ އެވެ.

ޑރ. މުނައްވަރު ޖުމްހޫރީ ޕާޓީގެ މައިޖަގަހަ މ.ކުނޫޒު ދޮރުމަތީގައި މިއަދު އަބްދުﷲ ކަމާލުއްދީން އާ ސަލާން ކުރައްވަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ އެ ބައްދަލުވުމަކީ ގައުމުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކައި މަޝްވަރާކޮށްލަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ މައިދާނުގައި ކުރިން ހަރަކާތްތެރިވެވަޑައިގެންވި ގޮތަށް ހަރަކާތްތެރިވެވަޑައިގަތުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށެވެ.

"ކަންތައްތައް ދާގޮތުން އަލުން ސިޔާސީ މައިދާނަށް ނުކުންނާނީތޯ ނޫންތޯ އެނގޭނީ. އެއީ މާ ފަހުގެ ވިސްނުމެއް ކަން ނޭނގެ،" މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަންތޯ ދެންނެވުމުން މުނައްވަރު ވިދާޅުވީ އަދި އެކަހަލަ ޚިޔާލެއް ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އިންތިޚާބެއްގައި ވާދަކުރާ ވާހަކައަކީ ބޮޑު ވާހަކައެއް ހެން. އަދި އެކަހަލަ ފިކުރެއް، އެއްވެސް ކަހަލަ ޚިޔާލެއް ނެތް،" މުނައްވަރު ވިދާޅުވި އެވެ.

ޑރ. މުނައްވަރަކީ ކުރިން އެމްޑީޕީގެ ރައީސްކަން ކުރެއްވުމުގެ އިތުރަށް ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވަރަށް ގިނަ ދުވަހު އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މުނައްވަރު އެމްޑީޕީ އިން ވަކިވުމަށް ފަހު ގުޅިވަޑައިގަތީ ޖޭޕީއާ އެވެ. ނަމަވެސް ފަހުން ވަނީ އެ ޕާޓީ އިން ވެސް ވަކިވެވަޑައިގެންފަ އެވެ.

comment ކޮމެންޓް