ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ ގައުމީ ހޭންޑްބޯލް މުބާރާތް ފަށައިފިއެވެ.
މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ފެށި އެ މުބާރާތުގައި އިއްޔެ ތިން މެޗެއް ކުރިއަށްދިޔައެވެ. އެއީ ފިރިހެން ޑިވިޝަންގެ ދެ މެޗާއި އަންހެން ޑިވިޝަންގެ މެޗެކެވެ.
އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ޔޫތު ސްޕޯޓްސް ކްލަބެވެ. އެ މެޗު 35-40 ލަނޑުން ކާމިޔާބުކުރީ ޔޫތުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތުގެ އަހްމަދު ސައިފް ނަސީމެވެ.
އެ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ ޕޮލިސް ކްލަބާއި ލަޔަންސްއެވެ. އެ މެޗު 56-22 ލަނޑުން ކާމިޔާބުކުރީ ޕޮލިހުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިހުގެ މުހައްމަދު ޝައިހާނެވެ.
ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ ޒެނިތު ސްޕޯޓްސް ކްލަބާއި ޔޫތު ސްޕޯޓްސް ކްލަބެވެ. އެ މެޗު 14-31 ލަނޑުން ކާމިޔާބުކުރީ ޔޫތުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތުގެ ރިޒްނާ މުހައްމަދެވެ.
އެ މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުރިއަށްދާނެއެވެ. މިއަދު ހަވީރު ކުޅޭ އަންހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ރޮކް ސްޓްރީޓާއި ޔޫތެވެ. މިރޭ ކުޅޭ އަންހެން ޑިވިޝަންގެ މެޗުގައި ޒެނިތާއި ލަޔަންސް ބައްދަލުކުރާ އިރު، މިރޭ ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރާނީ ޑީއެސްސީ އާއި ޓީއެސްއޭއެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ފަސް ޓީމެއް ވާދަކުރާ އިރު، އަންހެން ޑިވިޝަންގައި ތިން ޓީމެއް ވާދަކުރެއެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރަނީ ޑީއެސްސީ އާއި ޔޫތު ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބާއި ލަޔަންސް އަދި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ)އެވެ. އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ ޒެނިތާއި ޔޫތު އަދި ރޮކް ސްޓްރީޓެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަން ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާ އިރު، ސެމީ ފައިނަލުގެ ޖާގަތައް ދެވަނަ އަދި ތިންވަނަ ޓީމަށް ލިބޭނެއެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީގެ މެޗުން މޮޅުވާ ޓީމަށެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަން ވެސް ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާ އިރު، ސެމީ ފައިނަލުގެ ޖާގަތައް ދެވަނަ އަދި ތިންވަނަ ޓީމަށް ލިބޭނެއެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީގެ މެޗުން މޮޅުވާ ޓީމަށެވެ. އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ފައިނަލު މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
އެންމެ ފަހުގެ ގައުމީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްލައިން ސިޓީން ހޯދިއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ރޮކް ސްޓްރީޓެވެ. އޭގެ ތެރެއިން ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ރެޑްލައިން މިއަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެއެވެ.