ދިވެހި ހޭންޑްބޯލް ރެފްރީންތަކެއް އޭޝިއަން ކޮންޓިނެންޓަލް ބެޖު ހާސިލުކޮށްފި

އޭއެޗްއެފް ކޮންޓިނެލްޓަލް ބެޖު ހާސިލުކުރި ރާއްޖޭގެ އަންހެން ދެ ރެފްރީން--

ރާއްޖޭގެ ހަތަރު ހޭންޑްބޯލް ރެފްރީއަކު، އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަން (އޭއެޗްއެފް) އިން ކުރިއަށްގެންދިޔަ ކޮންޓިނެންޓަލް ރެފްރީ ކޯސް ފުރިހަމަކޮށް، ބެޖު ހާސިލުކޮށްފިއެވެ.

އޮކްޓޯބަރު 23 އިން ފެށިގެން އިއްޔެގެ ނިޔަލަށް ޕާކިސްތާނުގެ ފައިސަލްއާބާދުގައި ކުރިއަށްދިޔަ މި ކޯސް ފުރިހަމަކޮށް، އޭޝިއަން ކޮންޓިނެންޓަލް ބެޖު ހާސިލުކޮށްފައިވާ ރާއްޖޭގެ ރެފްރީންނަކީ، ފާޠިމަތު މަލްޝާ، ޢައިޝަތު ޝިމްލާ، ފަތުޙުﷲ ޖަމީލް އަދި އަފްނާން އަޙްމަދެވެ.

މިކަން ފާހަގަކޮށް، ކުޅިވަރާބެހޭ ވުޒާރާއިން ވަނީ މި ހަތަރު ރެފްރީންނަށް މަރުހަބާ ކިޔާ، މީސް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

މި ކާމިޔާބީއަކީ ދިވެހި ހޭންޑްބޯލް ރެފްރީކަމުގެ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި މިފަދަ ކާމިޔާބީތަކުން ހާމަކޮށްދެނީ ރާއްޖޭގެ ރެފްރީންގެ ހުނަރުވެރިކަން އިތުރުވަމުންދާ މިންވަރުކަމަށް ވުޒާރާގެ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ރެފްރީން ބަލައިގަންނަ މިންވަރުވެސް މިފަދަ ކާމިޔާބީތަކުން ދައްކުވައިދޭކަމަށް ކުޅިވަރާބެހޭ ވުޒާރާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ހޭންޑްބޯލްއަކީ ފަހަކަށް އައިސް ރާއްޖޭގައި މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކުޅިވަރެކެވެ. މިއާއެކު، މާލޭގައި މީގެ ކުރިން އޮތް އައުޓްޑޯ ހޭންޑްބޯލް ކޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އިންޑޯ ކޯޓެއްގެ ގޮތުގައި ހުޅުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ނިންމައި، ކޯޓު ރަސްމީކޮށް ހުޅުވާނެކަމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އޮތް "އަހާ" ފޯރަމުގައި ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް