ހުޅުމާލޭގެ 13 މަގެއްގައި 33 މަގު ބައްތި ހަރުކޮށްފި

ހުޅުމާލޭ ފިތިރޯނުމަގު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގެ 13 މަގެއްގައި 33 މަގު ބައްތި ހަރުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރު މުނިސިޕަލް އެޑްމިނިސްޓްރޭޝަން ސާވިސަސް އަހުމަދު ފާތިހު މިއަދު "ސަން" އަށް ވިދާޅުވީ މަގު ބައްތި ހަރުކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ފުލުހުންނާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އެ މަގުތަކުގެ ކޮންމެ 50 މީޓަރަކުން 50 މީޓަރަކަށް މަގު ބައްތިތައް ހަރުކޮށްފައިވާނެ ކަމަށެވެ. ކުރިން ހަރުކޮށްފައި ހުރި މަގު ބައްތިތަކުން އަލިވަނީ 90 ޑިގްރީއަށް ކަމަށާއި އަލަށް ހަރުކުރި މަގު ބައްތިތަކުން 140 ޑިގްރީއަށް އަލިވާނެ ކަމަށް ފާތިހު ވިދާޅުވި އެވެ.

"މިހާރު ހަރުކޮށްފައި ހުރި ލައިޓްތަކުން ބޮޑު ސަރަހައްދަކަށް އަލިވެގެންދާނެ،" ފާތިހު ވިދާޅުވި އެވެ.

މިހާރު ހަރުކުރި ލައިޓްތަކުން ލިބޭނީ ވަގުތީ ހައްލެއް ކަމަށާއި ދާއިމީ ހައްލެއް ގެނައުމަށް މި އަހަރުގެ ފަހުކޮޅު އިތުރު މަޝްރޫއެެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ލައިޓްތައް ހަރުކޮށްފައި މިވަނީ ކޮންމެ 50 މީޓަރަކުން 50 މީޓަރަކަށް. ދެން އަޅުގަނޑުމެން ފަށާ މަޝްރޫއުގައި މިހާރު ހަރުކުރި ކޮންމެ ދެ ލައިޓެއްގެ ދެމެދުގައި އިތުރު ލައިޓެއް ހަރުކުރާނަން. އޭރަށް ކޮންމެ މަގެއްގެ ކޮންމެ 25 މީޓަރަކުން 25 މީޓަރަކަށް ހުންނާނީ ލައިޓް ހަރުކުރެވިފައި،" ފާތިހު ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންނާ ގުޅިގެން ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރު ކުރުމުގެ މަޝަރޫއެއް ވެސް އެޗްޑީސީން އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް