އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދައުލަތަށް މި އަހަރު 166 މިލިއަން ރުފިޔާ ލިބިއްޖެ

އެއާޕޯޓް ކައުންޓަރުން ފަތުރުވެރިންގެ ޕާސްޕޯޓް ބަލަނީ -- ސަން ފޮޓޯ/ފަޔާޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް)ގެ ގޮތުގައި މި އަަހަރުގެ މޭމަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 166 މިލިއަން ރުފިޔާ ދިވެހި ދައުލަތަށް ލިބިއްޖެ އެވެ.

ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ އެކު، ގާނޫނުގައިވާ ގޮތުން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ވެލާނާ އެއާޕޯޓުން ރާއްޖެ އިން ބޭރަށްދާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަ އެވެ.

އެއީ ބޭރު މީހެއްގެ އަތުން 25 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރެވެ.

މީރާ އިން އާންމުކޮށްފައިވާ، ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދަތުލަތަށް މި އަހަރު 166 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސެޕްޓެމްބަރު މަހު އޭޑީއެފްގެ ގޮތުގައި ލިބިފައި ވަނީ 47 މިލިއަން ރުފިޔާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީއަކީ މިއަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓުގައި، ދައުލަތަށް އާމްދަނީ ވެއްދުމަށް ތައާރަފުކުރި އާ ފީއެކެވެ. އެ ފީ ނެގުމަށް އެންމެ ކުރިން ރާވާފައި އޮތީ ދިވެހީންނާއި ބޭރު މީހުން ތަފާތުކުރުމެއް ނެތި، ކޮންމެ މީހެއްގެ އަތުން 25 ޑޮލަރެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފަހުން ވަނީ އޭޑީއެފްގެ ގޮތުގައި ދިވެހީންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކޮށްފަ އެވެ.

comment ކޮމެންޓް