ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގެ ގޯލްކީޕަރަކު މަރުވެއްޖެ

މަރުވި ޕެރްސަލާގެ ގޯލްކީޕަރު ޗޮއިރުލް ހޫޑާ ---

އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗެއްގައި ގޯލް ކީޕަރަކާއި އެ ޓީމުގެ ކުޅުންތެރިޔަކު ގައިގައި ޖެހި ހިނގި ހާދިސާއެއްގައި ކީޕަރު މަރުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަނުގައި ޕެރްސަލާ އާއި ސެމެން ޕަޑަންގް ވާދަކުރި މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން މަރުވެފައި ވަނީ ޕެރްސަލާގެ ގޯލު ބަލަހައްޓަމުންދިޔަ އުމުރުން 38 އަހަރުގެ ކީޕަރު ޗޮއިރުލް ހޫޑާއެވެ. އެ ހާދިސާގައި އެ ޓީމުގެ ޑިފެންޑަރުގެ ފައިން ކީޕަރުގެ މެޔަށް ނޭނގުމެއްގެ ތެރޭގައި ވަނީ އެރިފައެވެ. އެ ވަގުތު ކީޕަރާއި ޑިފެންޑަރު ވެސް މަސައްކަތްކުރީ ބޯޅަ ހޯދުމަށެވެ.

ހޫޑާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ މެޗު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މެޗު ނިމުނީ ޕެރްސެލާ 2-0 އިން ސެމެން ޕަޑަން އަތުން ކުރި ހޯދައިގެންނެވެ. ހޫޑާ މަރުވުމާ ގުޅިގެން އެ ޓީމުގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އޭނާ އެ ކްލަބަށް ކޮށްދިން ހިދުމަތް ފާހަގަކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އެ ކްލަބުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އެ ހާދިސާއާ ގުޅިގެން ނޭވާ ލާން އުނދަގޫ ވެގެން ކަމަށާއި ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޑޮކްޓަރުންގެ ޓީމުން އޭނާ ސަލާމަތްކުރަން ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށެވެ.

ޕެރްސަލާ އިން ބުނެފައިވަނީ ހޫޑާގެ ހަނދާނުގައި އެތައް ހާސް ސަޕޯޓަރުންނެއް މަގުމައްޗަށް ނުކުތް ކަމަށާއި އަދި އެތައް ހާސް ސަޕޯޓަރުންނެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ހިތާމަ ފާޅު ކުރަމުންދާ ކަމަށެވެ.

ފުޓްބޯޅަ ކެރިއަރުގައި ހޫޑާ ހަމައެކަނި ކުޅެފައިވަނީ ވެސް ޕެރްސެލާ އަށެވެ. އޭނާ ވަނީ އެ ޓީމަށް 500 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.

comment ކޮމެންޓް