އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއެކު ށ. މިލަންދޫ ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިއު އިން ކާމިޔާބު ކުރީ 7-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ނިއުއަށް ތާވަލުގެ އެއްވަނަ ލިބެނީ އަށް މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނާގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ 19 ޕޮއިންޓެވެ.
މެޗު ފަށައިގެން ނިއު އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ހޯދީ މިލަންދޫ އިންނެވެ. ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި ސެންޓޭ ވަނީ ލަނޑެއް ޖަހައި ނިއު އަށް ލީޑު ނަގައިދިފަ އެވެ. އޭގެ ފަހުން ނިއު އަށް ވަނީ ލީޑު ފުޅާ ކުރާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ނިއު އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ނުހިފުމުގެ ނަތީޖާ އަކަށްވީ މިލަންދޫ އިން ނަތީޖާ ހަމަހަމަ ކުރުމެވެ. މެޗުގެ 37 ވަނަ މިނިޓްގައި ނިއުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މިލަންދޫ އަށް މި ލަނޑު ޖަހައިދިނީ އާދަމް އިމްރާން އެވެ.
މިލަންދޫ އިން ނަތީޖާ ހަމަހަމަ ކުރުމުގެ ނަތީޖާއަކަށް ވީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއު އިން ކުޅުން ރަނގަޅު ކޮށް ސެންޓޭ ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދިނެވެ. މިލަންދޫގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަަނަށެވެ.
އަނިޔާގެ ސަބަބުން ގައުމީ ޓީމު އޮމާންއާ ދެކޮޅަށް ކުޅުނު މެޗުގައި ނުފެނުނު އަލީ އަޝްފާގް(ދަގަނޑޭ) ވަނީ މެޗުގެ މިނެޓްގައި ކުޅެން ނިކުމެފައެވެ. އޭގެ ހަ މިނިޓް ފަހުން ދަގަނޑޭ ތަނަވަސްކޮށްދިން ބޯޅަ އަކުން ނިއުގެ ތިން ވަނަ ލަނޑު ޖެހީ ގަލާޑޯ އެވެ.
މެޗުގެ 61 ވަނަ މިނެޓުގައި މިލަންދޫ ކުޅުންތެރިއަކު ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ސެންޓޭ ދިން ބޯޅަ ދަގަނޑޭ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށް ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގަލާޑޯއެވެ.
އޭގެ ހަތަރު މިނިޓް ފަހުން ދަގަނޑޭ ވަނީ ނިއުއަށް ހަ ވަނަ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. އަރިމަތިން ސެންޓޭ ނަގައިދިން ހުރަހަކުން ދަގަނޑޭ މި ލަނޑު ކާމިޔާބުކުރީ ސައިޑް ކިކަކުންނެވެ. ނިއުގެ ހަތް ވަނަ ލަނޑު ޖަހައި ސެންޓޭ އޭނާގެ ހެޓްރިކު ފުރިހަމަކުރީ މެޗުގެ 86 ވަނަ މިނިޓްގަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ އއ. މާޅޮހާ އެވެ. މެޗު ފަށާނީ މިރޭ 9:00 ގައެވެ.