ފާތިމާގެ ސަބަބުން އާމިރު ދެކެ ކެޓްރީނާ ރުޅި އައީތަ؟

'ތަގްސް އޮފް ހިންދުސްތާން' ގައި ކެޓްރީނާ ކައިފް އަށް ކުޑަ ރޯލެއް ދިނުމުން އެކަމާ އާމިރު ޚާން ދެކެ ކެޓްރީނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ޚަބަރުތައް ބުނެފި އެވެ.

އަންނަ އަހަރުގެ ދިވާލީ އާ ދިމާކޮށް ރިލީޒް ކުރުމަށް ނިންމައިފައިވާ ފިލްމަށް ވަރުގަދަ ކާސްޓެއް ވަނީ ހަމަޖައްސައިފައެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ އާމިރާއި ކެޓްރީނާގެ އިތުރުން، މެގަސްޓާ އަމީތާބް ބައްޗަން އާއި ފިލްމު 'ދަންގަލް' އިން ވިދާލި ބަތަލާ ފާތިމާ ސަނާ ޝެއިޚް އެވެ.

ކެޓްރީނާ އާއި ބަލާއިރު ފާތިމާ އަކީ ބޮލީވުޑަށް އާ ފަންނާނެއް ނަމަވެސް ފިލްމުގެ އަންހެން ލީޑަށް ހަމަޖައްސައިފައި ވަނީ ފާތިމާ އެވެ. ފިލްމަށް މުހިންމު ވަނީ މޮޅު އެކްޓިން އެވެ.

އާމިރު ވެސް ވަނީ ފިލްމުގެ ލީޑު ބަތަލާ އަކީ ފާތިމާ ކަމަށާއި، ކެޓްރީނާ ފެނިގެން ދާނީ ދެތިން ލަވަ އިން ކަމަށް ބުނެފައެވެ. އާމިރު އެކަން ހާމަކޮށްފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ސީކްރެޓް ސުޕަސްޓާ' ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.

އާމިރުގެ މި ވާހަކަތަކުގެ ސަބަބުން ކެޓްރީނާ ވަރަށް ބޮޑަށް ނުރުހިފައި ހުރި ކަމަށް ވެއެވެ.

ބައެއް ޚަބަރުތައް ބުނާގޮތުން ފާތިމާ އަކީ އާމިރުގެ 'ފެވަރިޓެކެވެ.' ފިލްމަށް ފާތިމާ ހަމަޖެއްސީ އާމިރުގެ ބުނުމަކަށް ކަމަށާއި ފާތިމާ އަށް ފިލްމުގެ ސެޓުގައި އާމިރު ވަކިން އެކްޓިން ތަމްރީނުތައް ދޭކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެހެން ނަމަވެސް، ފިލްމުގެ ޕްރޮޑިއުސަރު އަދި އާމިރުގެ އަންހެނުން ކިރަން ރާއޯ ވަނީ އެ ވާހަކަތައް ކިޔައިދީފައެވެ. ކިރަން ބުނީ އެއީ އޭނާ އާއި، އަދިއްތުޔަ ޗޯޕްރާ އާއި ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ އަދި އާމިރުގެ ނިންމުމެއް ކަމަށެވެ.

ފިލްމުގެ ޝޫޓިން ފެށިގެން މިހާރު ކުރިއަށްދާ އިރު، 'ތަގްސް އޮފް ހިންދުސްތާން' އަކީ އަމީތާބް އާއި އާމިރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް