މަޝްހޫރު ކޮމެޑީ 'އަންދާޒް އަޕްނާ އަޕްނާ'ގެ ސީކުއަލްއެއް

ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގެ ޕޯސްޓަރެއް-- ފޮޓޯ/ ބޮލީވުޑްބަބްލްސް

މީގެ 30 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ކޮމެޑީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގެ ދެވަނަ ބައެއް އުފެއްދުމުގެ ޚިޔާލު ފިލްމުގެ ޑައިރެކްޓަރު ކުރަމުންދާ ކަމަށް އާމިރު ޚާން ބުނެފިއެވެ.

ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގެ މުހިއްމު ރޯލް ކުޅުނު އެކްޓަރު އާމިރު ޚާން މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކާފައިވަނީ ސަޕޯޓަރުންނާ އެކު ބޭއްވި ލައިވް ސެޝަންއެއްގައެވެ.

އާމިރު ޚާންގެ ކެރިއަރު ފެށިތާ ކައިރީގައި ރިލީޒްކުރި މި ފިލްމަކީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓުކޮށް އޭނާ އަމިއްލައަށް ލިޔެ ތައްޔާރުކުރި ފިލްމެކެވެ. ފިލްމު "އަންދާޒް އަޕްނާ އަޕްނާ2"ގެ ނަމުގައި ރާޖްކުމާރު ސަންތޯޝީ ފިލްމު އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށާއި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އާމިރު ޚާން ވަނީ ބުނެފައެވެ.

ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓުކޮށް އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމު "ލާހޯރް 1947"އާ ބެހޭ މައުލޫމާތު ދެމުން އާމިރު ފިލްމުން ފެންނާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފައެވެ. އާމިރު ޚާންއާ އެކު ފުރަތަމަ ފިލްމުން ފެނުނު މުހިއްމު ތަރިންގެ ތެރޭ ސަލްމާން ޚާން، ރަވީނާ ޓަންޑަން އަދި ކަރިސްމާ ކަޕޫރު ހިމެނެއެވެ.

ބޮލީވުޑް އެކްޓަރު އާމިރު ޚާން-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ފިލްމީ ދާއިރާގައި ދުވަސްކޮޅަކު ދުރުގައި ހުރުމަށްފަހު އާމިރު ޚާން އެނބުރި ފިލްމީ މަސައްކަތަށް ނުކުމެފައިވާއިރު އޭނާ ބޮޑަށް އިސްކަންދެނީ އަމިއްލަ ފިލްމު ކުންފުނިން ފެންވަރު ރަނގަޅު އުފެއްދުންތަކެއް ސިނަމާއަށް ގެނެސްދިނުމަށެވެ. އެހެންވެ، އާމިރު ޚާން ކުރިއަށް އޮތް ތަނުގައި ފިލްމަކުން ފެންނާނެ ވަކި ދުވަހެއް ކަނޑައެޅިގެން ބުނަން ދަތިކަމަށް މި މަހުގެ 14ވަނަ ދުވަހު 59 އަހަރު ފުރުނު އެކްޓަރު ވަނީ ބުނެފައެވެ.

އާމިރު ޚާން އެންމެ އަވަހަށް ވެސް ބެލުންތެރިންނަށް ފެންނާނީ "ސިތާރޭ ޒަމީން ޕަރު"ގެ ނަމުގައި އުފައްދާ ފިލްމަކުން ކަމަށް ބުނެފައިވާއިރު މި ފިލްމުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް