މި ހަފުތާގެ ހުކުރު ދުވަހު އިންޑިއާގައި ބާއްވާ ލޯކް ސަބާ އިންތިޚާބުގެ ވާދަކުރާ އިދިކޮޅު ކޮންގްރެސްގެ ކެންޑިޑޭޓުންނަށް އެކްޓަރު އާމިރު ޚާން ކެމްޕޭނުކޮށްދޭ ކަމަށް ބުނެ ފޭކް ވީޑިއޯތަކެއް ދައުރުކުރި މައްސަލަ ފެންމަތިވެއްޖެއެވެ.
އާމިރު ޚާންގެ ޓީމުން މި މައްސަލަ މުމްބާއީގެ ސައިބަ ކްރައިމް ބްރާންޗަށް ހުށަހަޅާފައިވާއިރު އެކްޓަރުގެ 35 އަހަރުވީ ދިގު ފިލްމީ ކެރިއަރުގައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިނުވާނެ ކަމަށް އާމިރުގެ ޓީމުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
މާޒީގައި އާމިރު ޚާން އެންޑޯޒްކޮށްފައިވާ އިޝްތިހާރުތަކަކީ އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ގުޅިގެން އާއްމުން ހޭލުންތެރިކުރުމަށް ކޮށްފައިވާ އެންޑޯޒްމެންޓްތަކެއް ކަމަށް ވެސް އާމިރުގެ ޓީމުން ވަނީ ބުނެފައެވެ.
އާމިރު ޚާންގެ ނަމުގައި ވަކި ޕާޓީއަކާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ޕްރޮމޯޓުކުރުމުގެ ނަމުގައި ހަގީގަތެއް ނެތް ވީޑީއޯއެއް ދައުރުކުރަން ފެށި އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އާމިރުގެ ޓީމުން ވަނީ ސިފަކޮށްފައެވެ. އާމިރު ޚާން އެދެނީ މި ފަހަރުގެ އިންތިޚާބުގައި ވެސް ވީހާ ވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ދިނުމަށް ކަމަށާއި ނަމަވެސް ވަކި ބަޔަކަށް ވޯޓު ދޭން އެކްޓަރު ނޭދޭ ކަމަށް އާމިރު ޚާނާ ހަވާލާދީ އޮފިޝަލުންގެ ޓީމުން ވަނީ ބުނެފައެވެ.
މި ފަހަރުގެ އިންތިޚާބުގައި ފިލްމީ ދާއިރާއަށް ނިސްބަތްވާ ދުވަސްވީ ބަތަލާ ކަންގަނާ ރަނާވަތު ވާދަކުރާނެއެވެ. ކަންގަނާ ވާދަކުރަނީ ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި ބަތަލާގެ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީއަށެވެ.