ތިނަދޫގެ އުންމީދުތައް ސުޒޭނަށް ހާސިލް ކޮށްދެވިދާނެތަ؟

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޓްރޮފީ މާޒިޔާއާއެކު ސުޒޭން އުފުލާލަނީ: މިއަހަރު ލީގުގެ ދެވަނަ ބުރުގައި ތިނަދުއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު ވެސް ނިމިގެންދާނީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ ބައިވެރިވުމާއެކުއެވެ. ސުޒޭން މިވަނީ ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމަކާ ހަވާލުވެ، އުނދަގޫ ޗެލެންޖެއް ގަބޫލުކޮށްފައެވެ. މިފަހަރު ތަފާތަކީ ސުޒޭން ހަވާލުވަނީ ފުރަތަމަ ޑިވިޝަންގެ ވަރުގަދަ ތާރީހެއް އެކުލެވޭ ޓީމަކާ ނޫނެވެ. މިފަހަރު ހަވާލު މިވަނީ މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގާ ކުރިމަތިލާ ޓީމަކާއެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ސުޒޭން ހަވާލުވެފައި މިވަނީ ގދ. ތިނަދޫ ޓީމުގެ ކޯޗުކަމާއެވެ. އެ ޓީމުގެ ކަންތައްތައް ހައްލުކޮށް، ކުރިމަތިލާން ޖެހެނީ އުނދަގޫ ޗެލެންޖަކާ ކަން ސުޒޭނަށް ވެސް އެނގެއެވެ. ދެން އޮތް ސުވާލަކީ ސުޒޭނަށް ކުޑަ ޓީމެއް ގޮވައިގެން ތަފާތު ދެއްކިދާނެތޯއެވެ. ހަގީގަތަކީ މޮޅު ކޯޗަކަށް ކިތަންމެ ކުޑަ ޓީމެއް ގޮވައިގެން ވެސް ކާމިޔާބީތައް ހޯދިދާނެ ކަމެވެ.

"ތިނަދޫގެ މެނޭޖްމަންޓުން އަޅުގަނޑަށް މި ދެއްވީ ވަރަށް ރަނގަޅު ފުރުސަތެކޭ ދަންނަވާނީ. ލީގުގެ ފަހު ބުރަށް ދާއިރު ތިނަދޫ ވެސް ވަރަށް ރަނގަޅު ހިސާބެއްގައި އޮތްއިރު އަޅުގަނޑަށް މި ފުރުސަތު ލިބިގެންދިއުން މިއީ ހަމަގައިމު ވެސް ރަނގަޅު ޗެލެންޖެއް. ކޮންމެ ބައެއްގެ ތެރޭގައި ވެސް ހުންނާނެ ގޯސް ކަންތައްތަކާއި ރަނގަޅު ކަންތައްތަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް. މުބާރާތްތަކަށް ނުކުންނަން ބަލާއިރު ތިނަދޫގައި އެބަހުރި ބައިވަރު ރަނގަޅު ކަންތައްތަކެއް. މިއީ މީގައި ހުރި ޕޮޒިޓިވް ކަމެއް،" މިމަހުގެ ކުރީކޮޅު ތިނަދޫ ޓީމާ ހަވާލުވުމަށްފަހު ސުޒޭން ބުންޏެވެ.

ތިނަދޫގެ ކޯޗަކަށް ހަމަޖެއްސި ސުޒޭނަކީ ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން ކޯޗެކެވެ. އެގޮތުން ސުޒޭންގެ ކޯޗިން ކެރިޔަރުގައި މާޒިޔާގައި ހޭދަކުރި ކާމިޔާބީ ދުވަސްތައް ފާހަގަކޮށްލެވެއެވެ. މާޒިޔާގެ ކޯޗުކަމުގެ މަގާމު 2013 ވަނަ އަހަރުން ފެށިގެން 2016ގެ ނިޔަލަށް އަދާކުރި ސުޒޭން ވަނީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގު 2016އާއި ޕްރެޒިޑެންޓްސް ކަޕް 2015އާއި ޗެރިޓީ ޝީލްޑް 2015 އަދި އެފްއޭ ކަޕް 2014 ހޯދައިދީފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓާއި ގދ. ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: ދެވަނަ ބުރުގައި ތިނަދުއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސުޒޭންގެ ފުރަތަމަ އިމްތިހާން ވެސް ވަރަށް އުނދަގޫ!

ސުޒޭނަކީ މޮޅު ކޯޗެކެވެ. ސުޒޭންގެ އިސްތަށިގަނޑުން ވެސް އޭނާއަކީ ތަފާތު ކޯޗެއްކަން ދައްކުވައިދެއެވެ. ކުޑަ ޓީމަކާ ހަވާލުވާ މޮޅެތި ކޯޗުންނަށް ވެސް އުނދަގޫތަކެއް ހުންނާނެއެވެ. ހާއްސަކޮށް ނުކުންނަން ޖެހޭ ޓީމުގެ ފެންވަރުގެ ގޮތުން އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ތިނަދޫ ގޮވައިގެން ސުޒޭން ނުކުންނަ ފުރަތަމަ މެޗަކީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން މާދަމާ ހަވީރު ފެށިގެންދާނީ ތިނަދުއާއި ޓީސީގެ މެޗުންނެވެ. ފުރަތަމަ ބުރު ނިމިގެންދިޔައިރު، ޓީސީ އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. އަދި ތިނަދޫ އޮތީ ދިހަ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

އެ މެޗަށް ނުކުންނައިރު، އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދާނީ ތިނަދޫގެ އެންމެ ކުރީ ސަފުން ސުޒޭން ފެނުމެވެ. ކިތަންމެ ކުޑަ ޓީމެއް ވިޔަސް މޮޅު ކޯޗެއް ހުރެއްޖެނަމަ، އެއީ ބޮޑު އުންމީދަކަށް ވާނެއެވެ. ހަމައެގޮތަށް، ތިނަދޫގެ ކޯޗުކަމުގައި ސުޒޭން ހުރުމުން އެ ޓީމުގެ ކުޅުންތެރިން އަދި އެ ޓީމު ނިސްބަތްވާ ގދ. ތިނަދޫގެ ރައްޔިތުންނަށް ވެސް ބޮޑު އުންމީދެއް ކުރެވޭނެއެވެ.

"އަޅުގަނޑުގެ އުންމީދަކީ ސުޒޭނާއެކު ތިނަދޫ ޓީމަށް ކުރިއެރުންތަކެއް ހޯދިދާނެ ކަމަށް. ސުޒޭނާއެކު ކުރިމަތިލާ ތިނަދޫއަކީ ލީގުގައި އެންމެ އުނދަގޫ ބޮޑު ޓީމުގެ ދައުރު އަދާކުރެވިދާނެ. ސުޒޭނަކީ މޮޅު ކޯޗެއް. ތިނަދޫގެ ރައްޔިތުންނަށް ސުޒޭނަށް އުފާވެރި ކަމެއް ގެނެސްދެވިދާނެ ކަމަށް ގަބޫލުކުރަން،" ތިނަދޫ ޓީމުގެ ސަޕޯޓަރަކު ބުންޏެވެ.

ތިނަދޫގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ތިނަދުއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ---

ސުޒޭން ދެކެނީ ތިނަދޫ މެނޭޖްމަންޓްގެ ޓާގެޓް އުނދަގޫ ނޫން ކަމަށް!

މުބާރާތަކާ ކޮންމެ ޓީމެއް ވެސް ކުރިމަތިލާނީ ޓާގެޓަކާއެކުއެވެ. އެ ޓާގެޓެއް ހާސިލް ނުވެއްޖެނަމަ، އެ ޓީމެއްގެ މެނޭޖްމަންޓުން އިނގިލި ދިއްކުރަމުންދާނީ ކޯޗާ ދިމާލަށެވެ. މެނޭޖްމަންޓްގެ އިތުރުން އެ ޓީމެއްގެ ސަޕޯޓަރުންގެ ހުރިހާ ފާޑުކިޔުންތަކެއް ވެސް އަމާޒުވާނެ ފަރާތަކީ ކޯޗެވެ.

ތިނަދޫ މެނޭޖްމަންޓްގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމެވެ. މިހާރު އެ މަގާމުތަކުގައި އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ އަދި ކްލަބު ގްރީން ސްޓްރީޓްސްއެވެ. ތިނަދޫން ބޭނުންވަނީ އޭގެ ތެރެއިން ޓީމެއް ވައްޓާލުމަށްފަހު ގަދަ ހަތަރެއްގެ ޖާގައެވެ. ސުޒޭން ގަބޫލުކުރާ ގޮތުގައި ތިނަދޫ މެނޭޖްމަންޓްގެ އެ ޓާގެޓަކީ އެހާ އުނދަގޫ ޓާގެޓެއް ނޫނެވެ.

"ތިނަދޫ މެނޭޖްމަންޓްގެ އެންމެ ބޮޑު ޓާގެޓަކީ ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަނުން. އެ ޓާގެޓަކީ އަސްލު ފުޓްބޯޅައިގެ ޓާމްސްއަށް ބަލާއިރު އެހާ އުނދަގޫ ޓާގެޓެއް ކަމަކަށް ނުބުނެވޭނެ. ތިނަދޫ ޓީމުން ކުޑަކުޑަ ހިތްވަރެއް، ކުޑަކުޑަ މޯރަލްއެއް، ބޫސްޓެއް ބޭނުންވަނީ. އެހެންވީމާ އެއަށް ބަލާއިރު ދެވިދާނެ ހިސާބެއްގައި އޮތް ޓާގެޓެއް އެއީ. ކޮންމެ ގޮތެއްވިޔަސް ތިނަދޫއަކީ ރާއްޖޭގެ ފުޓްބޯޅައިގައި މާލެ ފިޔަވައި އެންމެ ނުފޫޒުގަދަ ރަށް ކަމަށް ގަބޫލުކުރަން ޖެހޭނެ. އެއީ މާލޭގައި މީގެ ކުރިން ކުޅުނު ޒޯން މުބާރާތަށް ބަލައިލިޔަސް، އެ ހުރިހާ މުބާރާތެއްގެ ތަށި ވެސް ތިނަދުއާ އެއްވަރަށް އެހެން ބަޔަކަށް ހޯދިފައެއް ނެތް،" އޭނާ ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓާއި ގދ. ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: ދެވަނަ ބުރުގައި ތިނަދުއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޮޅެތި ކުޅުންތެރިންތަކެއް ނުލައި ވެސް ކާމިޔާބު ހޯދޭނެ!

ސުޒޭންގެ ކޯޗިން ކެރިޔަރު 2002 ވަނަ އަހަރު ފުރަތަމަ ފެށީ ވިކްޓަރީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވިކްޓަރީއާއެކު ކާމިޔާބީތަކެއް ހޯދި ސުޒޭން، އެ ކްލަބުގެ ހެޑް ކޯޗެއްގެ ގޮތުގައި ފެނިގެންދިޔައީ އެ މަގާމުގައި ހުރި މައުރޫފް އަހްމަދު، އެ ކްލަބު ދޫކޮށް ދިއުމުންނެވެ. ވިކްޓަރީގެ ކޯޗުކަމުން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމާ ހަމައަށް ސުޒޭން ވަނީ އެ ކްލަބުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ.

ސުޒޭން ގަބޫލުކުރާ ގޮތުގައި، ކޮންމެހެން ކާމިޔާބު ހޯދެނީ މޮޅު ސްކޮޑެއް އޮވެގެނެއް ނޫނެވެ. ސުޒޭންގެ ކޯޗިން ކެރިޔަރުގައި ހޯދި ހުރިހާ ކާމިޔާބީއަކީ މޮޅު ސްކޮޑަކާއެކު ކުރިމަތިލައިގެން ހޯދި ކާމިޔާބީތަކެއް ނޫން ކަމަށް އޭނާ ބުނެއެވެ.

"މާއްޓޭ ވިކްޓަރީ ދޫކޮށް އައިއެފްސީއަށް ބަދަލުވީ އަހަރު ނޫން ޖެހިގެން އައި އަހަރު، 13 ކުޅުންތެރިންނާއެކު އަޅުގަނޑު ވާނީ ވިކްޓަރީއަށް ދެ ތަށި ހޯދައިދީފައި. އެއީ އެއްވެސް ގޮތަކަށް ބޮޑު ސްކޮޑަކާއެކުއެއް ނޫން. އަޅުގަނޑުގެ ފަހަތް ބަލައިލާއިރު 13 ވަރަކަށް ތަށި، އެއީކީ ކޮންމެހެން ރާއްޖޭގައި ތިބި ހުރިހާ މޮޅެތި ކުޅުންތެރިން ލައިގެންނެއް ނޫން،"

"އަޝްފާގާއެކު އަޅުގަނޑު މަސައްކަތްކުރީ އެންމެ އަހަރަކު. އެހެންނޫން ކަމަށްވަންޏާ އަޅުގަނޑު ފިޔަވާ އަޝްފާގާ އިދިކޮޅަށް ކުޅެގެން ހަމަގައިމު ވެސް ތަށްޓެއް ގެނައި ދިވެއްސެއް ނޫޅޭނެ ކަންނޭނގެ. އެހެން ނަމަވެސް، ވަރުގަދަ ސްކޮޑެއް އޮތިއްޔާ ކަންކަން ކުރުމުގައި ފަސޭހަތަކެއް ހުންނާނެ. ތިނަދޫ ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލާއިރު، މި ލީގުގައި ގޯސް ޓީމެކޭ އެއްގޮތަކަށް ވެސް ނުދެންނެވޭނެ." އޭނާ ބުންޏެވެ.

ދެން ތިނަދުއަށް އޮތީ ސުޒޭނާއެކު އަޖުމަ ބެލުމެވެ. އޭނާއަށް ތިނަދޫގެ ފުޓްބޯޅައަށް ކިހާ ބޮޑު ކުރިއެރުމެއް ހޯދައިދެވިދާނެތޯ ބެލުމެވެ. ކޮންމެ ގޮތެއްވިޔަސް، މިވަގުތު ސުޒޭނަށްވުރެ ކާމިޔާބު އަދި ނަން މަޝްހޫރު ކޯޗެއް ނެތެވެ.

comment ކޮމެންޓް