ލަންކާގައި ހިންގި މާރާމާރީއެއްގައި ދިވެހި ކުއްޖަކު ސީރިއަސް ހާލަތުގައި

ދެހިވަލަ : ސްރީލަންކާ

ސްރީލަންކާގައި ދިވެހި ސްކޫލް ދަރިވަރަކު ހިންގި މާރާމާރީއެއްގައި ތިން ކުއްޖަކު ޒަޚަމްވެއްޖެއެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ދިވެހި ދަރިވަރަކު ހިންގި މާރާމާރީ ގައި ޒަޚަމްވެފައި ވަނީ ސްރީލަންކާގެ ކުއްޖަކާއި ދިވެހި ދެ ކުއްޖެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބިވަޑައިގަތީ އޭގެތެރެއިން ސީރިއަސްވި ކުއްޖާގެ މަންމަ ފޯނުން ގުޅައި މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ.

މުންދު ވިދާޅުވިގޮތުގައި ދެހިވަލަ އަވަށުގެ ޑޭބްރިޖް ސްކޫލް ކައިރީ ދިވެހި ދަރިވަރު އެ މާރާމާރީ ހިންގާފައި ވަނީ ކަތުރެއް ބޭނުންކޮށްގެންނެވެ.

"އެ ހާދިސާގެ މައުލޫމާތު އަޅުގަނޑަށް ލިބުނީ މިއަދު ހަވީރު އޭގެތެރެއިން ސީރިއަސް ހާލަތުގައި އޮތް ކުއްޖާގެ މަންމަ ގުޅާފަ މައުލޫމާތު ދިނުމުން،" މުންދު ވިދާޅުވިއެވެ.

ޒަޚަމްވި ތިން ކުދިންނަށް ވެސް އެގައުމުގެ ދެހިވަލަ އަވަށުގެ ކަޅުބޯވިލާ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނިޔާ ލިބުނު ހުރުހާ ކުދިންނަކީވެސް 18 އަހަރުން ދަށުގެ ކުދިން ކަމަށާއި ސީރިއަސް ޒަޚަމްތަކެއް ލިބުނު ކުއްޖާގެ އުމުރަކީ 17 އަހަރު ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މާރާމާރީގައި ބައިވެރިވި ބައެއް ކުދިން ފިލާފައިވާ ކަމަށާއި އޭގެތެރޭގައި ދިވެހި ކުދިން ވެސް ހިމެނޭ ކަމަށެވެ.

"ފިލާފައިވާ ކުދިން ހޯދުމުގެ މަސައްކަތް ލަންކާގެ ފުލުހުން އަންނަނީ ކުރަމުން،" މުންދު ވިދާޅުވިއެވެ.

comment ކޮމެންޓް