ސްރީ ލަންކާއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރަކަށް މިއަހަރު ވެއްޖެއެވެ.
އެގޮތުން މިއަދުގެ ނިޔަލަށް ޖުމްލަ 2،333،797 ފަތުރުވެރިންނަށް ލަންކާއިން މަރުހަބާ ކިޔާފައިވާއިރު، އެ ރެކޯޑު އެންމެ ފަހުން ގާއިމުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރު 2،333،796 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިދިޔަ އަހަރު ލަންކާއަށް ޒިޔާރަތްކޮށްފައި ވަނީ 2،053،465 ފަތުރުވެރިންނެވެ.
ރެކޯޑު މުގުރާލާފައި ވަނީ ސްރީލަންކަން އެއާއިލައިންސްގައި ލަންކާއަށް މިއަދު ޒިޔާރަތްކުރި އިންޑިއާ ފަތުރުވެރިއެކެވެ.
ޑިސެމްބަރު މަހު ފުރަތަމަ ހަފްތާގައި ލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 43،976 އަށް އަރާފައިވާއިރު، ދެވަނަ ހަފްތާގައި އެ އަދަދު ވަނީ 49،054 އަށް އަރާފައެވެ. ނަމަވެސް ތިން ވަނަ ހަފްތާގައި އެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، 61،579 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ޑިސެމްބަރު 22 އާއި 25 އާއި ދެމެދު އެކަނިވެސް 40،785 އަށް ވުރެ ގިނަ ފަތުރުވެރިން ލަންކާއަށް އެތެރެވެފައިވާއިރު، އޭގެތެރެއިން އެއް ދުވަހު 11،111 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެހެންވެ، މި މަހު އެވްރެޖްކޮށް ދުވާލަކު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 7،816 އަށް އުފުލިފައެވެ.

ތޫފާން 'ދިތްވާ' ގެ ސަބަބުން ލަންކާއަށް ގެއްލުންވެފައި. ފޮޓޯ/އޭއެފްޕީ
ދިރާސާތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ރެކޯޑް މުގުރާލި ނަމަވެސް، ސްރީ ލަންކާ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެސްއެލްޓީޑީއޭ އިން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރި 2،415،000 އަށް ވުރެ ދަށްވުން އެކަށީގެންވެއެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި ޑިސެމްބަރު މަހުގެ ބާކީ އޮތް ދުވަސްތަކުގައި ދުވާލަކު ގާތްގަނޑަކަށް 20،000 ފަތުރުވެރިން ޒިޔާރަތްކުރަންޖެހޭނެއެވެ.
ލަންކާއަށް މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމުން 519،816 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 207،510 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިޔާ އިން 178،743 ފަތުރުވެރިން ލަންކާއަށް ޒިޔާރަތްކުރިއެވެ. އެހެން މުހިންމު މާކެޓްތަކުގެ ތެރޭގައި ޖަރުމަނާއި ޗައިނާ އަދި ފްރާންސް ހިމެނެއެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމަކީ ލަންކާ މިހާރު އޮތް ހާލަތުން އަރައިގަނެ އިގްތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންވާ ކުރިއެރުމެކެވެ.
ނޮވެމްބަރު 28 ވަނަ ދުވަހު ލަންކާއަށް އެރި ބާރުގަދަ ތޫފާން 'ދިތްވާ' ގެ ސަބަބުން ލަންކާއަށް ހަތް ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ކަމާބެހޭ އޮފިޝަލުން ހާމަކުރެއެވެ.