ހުޅުމާލޭ ދެވަނަ ފިޔަވަހީން 1000 ހައުސިން ޔުނިޓް ސިވިލް ސާވަންޓުންނަށް ދޭން ކަނޑައަޅައިފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް -- ސަން ފައިލް ފޮޓޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 7،000 ހައުސިން ޔުނިޓްގެ ތެރެއިން 1،000 ހައުސިން ޔުނިޓް، ސިވިލްސާވިސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން މާލޭ ސަރަހައްދުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ގެދޮރުވެރިކަން ހޯދައި ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ރައީސް ސިވިލް ސާވިސް މުވައްޒަފުންނަށް އެއް ހާސް ހައުސިން ޔުނިޓް ދިނުމަށް ނިންމަވާފައިވާ ކަމަށާއި އެހެން ކަމުން މިހާރު ވުޒާރާތަކަށް އެ މައުލޫމާތު ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެއްހާސް ހައުސިން ފްލެޓް ބެހިގެންދާނީ ޖުމުލަ ގޮތެއްގައި ތިން ކެޓަގަރީ އަކަށް ކަމަށެވެ. އެގޮތުން އެންމެ މަތީ ރޭންކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް 300 ހައުސިންގ ފްލެޓް އަޅާއިރު މެދު ފަންތީގެ މުވައްޒަފުންނަށް 300 ފްލެޓް، އަދި ސަޕޯޓް ސާވިސް މުވައްޒަފުންނަށް 400 ފްލެޓް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

" އެއްހާސް ހައުސިން ޔުނިޓްގެ ތެރެއިން މެނޭޖީރިއަލް ލެވެލްގެ މީހުންނަށް މިދެނީ 300 ހައުސިންގް ޔުނިޓް. އެއީ ސިވިލް ސާވިސް އޮނިގަނޑުން ބަލާނަމަ އެމްއެކްސް 2 އިން ފެށިގެން އީއެކްސް 2 އާ ހިސާބަށް. ދެވަނަ ކެޓަގަރީއަކީ އިދާރީ ރޭންކް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން. އެ މުވައްޒަފުންނަށް 300 ފްލެޓް ދޭއިރު އެއީ ސިވިލް ސާވިސް އޮނިގަނޑުގެ އެމްއެކްސް 2 އިން ޖީއެސް 3 ރޭންކުގެ މުވައްޒަފުން. ތިންވަނަ ބަޔަކީ ސަޕޯޓް ސާވިސްގެ މަގާމް ތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައް އެފަރާތް ތަކަށް 400 ހައުސިން ޔުނިޓް ވަނީ ދިނުމަށް ނިންމާފައި. އެއީ އެސްއެސް 4 އިން އެސްއެސް 1 އާ ދޭތެރޭގެ މުވައްޒަފުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހައުސިން ޔުނިޓް ތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ ކަމަށާއި 7000 ހައުސިން ޔުނިޓްގެ މަސައްކަތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، އަލަށް ލިބިގެންދާ 1000 ހައުސިން ޔުނިޓަށް ނަން ހުށަހަޅަން ޖެހޭނީ މުޅިން އައު ފޯމަކުން ކަމަށެވެ. އަދި މީގެ ކުރިން އެކިއެކި ފްލެޓް ތަކަށް ހުށަހަޅާފައިވާ ސިވިލް ސާވިސް މުވައްޒަފުންވެސް އަލުން މި ފްލެޓްތަކަށް ނަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ 7000 ހައުސިން ޔުނިޓުން ބާކީ ހުރި 6000 ހައުސިންގ ޔުނިޓަށް ހަދަން ނިންމާފައިވާ ގޮތް އަދި މުޅިން ފައިނަލް ނުވި ނަމަވެސް ގެދޮރު ބޭނުން ވެފައި ތިބި މީހުންނަށް ފައިދާވާނެ ހެން އެ ފްލެޓްތައް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް