މުޖުތަމައުއަށް ނުރައްކާތެރިކަމަށް ބެލެވޭ ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނުވަތަ ފައިގައި ޓެގު އަޅުވައިގެން މޮނިޓާ ކުރުމުގެ އަމުރަކަށް ފުލުހުން ހައި ކޯޓުގައި އެދިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އަމުރަށް އެދި ހައިކޯޓްގައި އެދިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް ކޯޓުގައި އެދިފައިވާއިރު އެންމެ ފުރުތަމަ ފުލުހުން އެދިފައިވަނީ 16 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށެވެ. ނަމަވެސް މޮނިކޮން އަމުރާ ބެހޭ ކޮމިޓީން ނިންމީ އޭގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް އަމުރު ނެރުދިނުމަށެވެ.
ގޭންގް މާރާމާރީ ގިނަ ވެފައިވާ ދުވަސްވަރާ ދިމާކޮށް ނުވަ މީހަކަށް އަމުރު ނެރެދިނުމަށް އެދި ހުށަހެޅުމަށް ކޮމިޓީން ނިންމާފައިވާ އިރު މިއީ ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ނަސީރު ވަކިވި ފަހުން ކުށްވެރިންގެ ޓެގު އަޅުވާ ފުރަތަމަ ފަހަރެވެ.
މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރެދިނުމަށް ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދެއްވާފައިވާ ކޮމިޓީގައި ތިއްބަވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ހިމެނޭ ގޮތަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެވެ.
މީގެ ކުރިން މޮނިކޮށް އަމުރު ނެރުނުމުގެ ބާރު އޮންނަނީ ހޯމް މިނިސްޓަރާ މަތިކޮށްފައެވެ. އެކަމަކު އެ މަސައްކަތް ކޮމިޓީއަކާ މަތިކޮށް އެކަން ކުރަން ފެށީ 2016 ޖޫން މަހުގެ ތެރޭގައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރުމަށް އެދި ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައި ވަނީ ދާހިލީ ވުޒާރާ ހިންގަވާ، ހޯމް މިނިސްޓަރަށެވެ.
އަދި އެ ގާނޫނުގައި ބުނާ ގޮތުން އެ އަމުރުގައިވާ ކަންތައްތަކަށް ބަދަލު ގެނައުމަށް ކޯޓަށް ހުށަހެޅޭނީ ވެސް ހޯމް މިނިސްޓަރަށެވެ. އަދި މޮނިކޮން އަމުރު ހިނގަހިނގާ ހުންނަ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ހުއްޓާލުމުގެ ބާރު ވެސް ދީފައި ވަނީ ހޯމް މިނިސްޓަރަށެވެ.