މެސީގެ ހެޓްރިކާއެކު އާޖެންޓީނާ ވޯލްޑް ކަޕަށް

އިކުއެކޯ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުގައި މެސީ ލަނޑު ޖެހުމަށް ފަހު-- ފޮޓޯ: އޭޕީ

ލިއޮނަލް މެސީގެ ހެޓްރިކާއެކު އިކުއެޑޯގެ މައްޗަށް ކުރި ހޯދައި، އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވެއްޖެއެވެ.

އާޖެންޓީނާ އިކުއަޑޯގެ މައްޗަށް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވީ ސައުތު އެމެރިކާ ސަރަހައްދުން ތިންވަނަ ހޯދައިގެންނެވެ.

އާޖެންޓީނާއަށް ވަނީ ކޮލިފިކޭޝަންގައި ކުޅުނު 18 މެޗުން 28 ޕޮއިންޓް ލިބިފައެވެ. އެ ސަރަހައްދުން އެއް ވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕަށް ކޮލިފައިވ 41 ޕޮއިންޓާއެކު ބްރެޒިލް އެވެ. އަދި ދެވަނަ ލިބުނީ 31 ޕޮއިންޓު ހޯދި އުރުގުއާއީއެވެ. ހަތަރުވަނަ ހޯދައިގެން ކޮލަމްބިޔާ ވެސް ކޮލިފައިވީ އިރު، ފަސްވަނަ ހޯދައިގެން ޕްލޭއޮފަށް ދިޔައީ ޕެރޫއެވެ.

އިކުއެޑޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އިކުއަޑޯ އެވެ. މި ގޯލު މެޗުގެ ފުރަތަމަ މިނެޓްގައި އިކުއެޑޯއަށް ކާމިޔާބުކޮށްދިނީ ރޮމާރިއޯ އިބާރާއެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ޑިމަރިޔާ ދިން ޕާހަކުން ލިއޮނަލް މެސީ ވަނީ އާޖެންޓީނާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި އޭގެ އަށް މިނެޓްފަހުން މެސީ ވަނީ އާޖެންޓީނާއަށް މެޗުގެ ލީޑު ނަގާދީފައެވެ. އާޖެންޓީނާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 62 ވަނަ މިނެޓްގައި މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ވޯލްޑް ކަޕްގެ ޖާގައެއް އާޖެންޓީނާއަށް ކަށަވަރުކޮށްދީފައެވެ.

އާޖެންޓީނާ ވަނީ ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ފައިނަލަށް ދަތުރު ކޮށް ވަރަށް ހިތްދަތި ގޮތަކަށް ޖަރުމަނު އަތުން ބަލިވެފައެވެ.

comment ކޮމެންޓް