ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން، ކުށް ސާބުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ނިޔާވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ އަބްދުﷲ ރަޝީދު ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:20ގައި ކަމަށެވެ.
ލުގުމާން ވިދާޅުވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ ރަޝީދު އިއްޔެ މެންދުރު 12:50ގައި އެޑްމިޓްކުރީ ބޭރަށް ހިނގާތީ ކަމަށެވެ.
އޭނާގެ މައްޗަށް ސާބިތުވި ކުށަކީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ. އެ ދައުވާ އުފުލީ ޗާންދަނީމަގުން ދިޔަ ފުލުހަކާ މެދު މާރާމާރީ ހިންގާފައިވާތީ އެވެ.