ކަރެކްޝަންސް އަދި ކަސްޓަމްސްގެ މުސާރަ މިމަހުން ފަށައިގެން ބޮޑުކޮށްފި

ކަސްޓަމްސްގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ މުއައްސަސާގެ އޮފިސަރުންތަކެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ މުސާރަ، ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އިސްލާހުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މިއީ ދައުލަތުގެ ބަޖެޓުގައި ކުރިން ވެސް ކަނޑައެޅިފައިވާ ކަމެކެވެ. މީގެ ކުރިން ކަރެކްޝަންސްގެ މުސާރަ އޮނިގަނޑަށް ބަދަލު ނައިތާ 11 އަހަރު، އަދި ކަސްޓަމްސްގެ މުސާރަ އޮނިގަނޑަށް ބަދަލު ނައިތާ 13 އަހަރު ވަނީ ވެފައެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ އިތުރުގަޑީގެ ފައިސާއަށް ބަރޯސާވުން ކުޑަކޮށް، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމެވެ.

  • ކަރެކްޝަންސް އަދި ކަސްޓަމްސްގެ މުސާރަ އެއްހަމަކުރަން ފެށީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
  • ކަރެކްޝަންސްގެ މުސާރައަށް 11 އަހަރު ފަހުން އަދި ކަސްޓަމްސްގެ މުސާރައަށް 13 އަހަރު ފަހުން މިވަނީ ބަދަލު ގެނެސްފައެވެ.
  • މި ބަދަލަކީ ސަރުކާރުގެ ޕޭ ފްރޭމްވޯކްގެ ދަށުން، މުވައްޒަފުންގެ އުޖޫރައިގެ ނިޒާމު އިސްލާހުކުރުމަށް އެޅި ފިޔަވަޅެކެވެ.
  • މި ބަދަލާއެކު އިތުރުގަޑީގެ ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒު ހިފާފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް މުވައްޒަފުންގެ މުސާރަ، މި މަހުގެ އެއްވަނަ ދުވަހުން ފަށައިގެން ބޮޑުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވި ގޮތުގައި ކަރެކްޝަންސް އަދި ކަސްޓަމްސް މުވައްޒަފުންގެ މުސާރަ، ނޭޝަނަލް ޕޭ ފްރޭމްވޯކްގެ ދަށުން ދަށުން އެއްހަމަކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފަށައިގެންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ކުރިން ވެސް ނިންމައި، ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ. އަދި އެ ނިންމުމާ އެއްގޮތަށް ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުސާރަ ވެސް މިއަހަރުތެރޭ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

މި ބަދަލު ގެނައިރު، ކަރެކްޝަންސް މުވައްޒަފުންގެ މުސާރަ ކުޑަ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. އަދި އެ މުއައްސަސާގެ މުސާރައަށް ބަދަލު ގެނެސްފައި މިވަނީ، 11 ވަރަކަށް އަހަރު ފަހުންނެވެ.

ހަމައެއާއެކު ކަސްޓަމްސް މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކަސްޓަމްސްގެ ބަޖެޓުގެ ކަންކަން ބަލަހައްޓަވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުالله އަލީ ވިދާޅުވީ އެ ޚިދުމަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނާންނަތާ 13 އަހަރު ވެއްޖެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނީ، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ.

މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، މަސައްކަތުގެ ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕޭ ހާމަނައިޒްވީ ނަމަވެސް މުސާރަތައް ކުޑަކަމުގެ ޝަކުވާ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭ ޖުޑީޝަރީގެ މުވައްޒަފުން ވެސް ހިމެނެއެވެ.

comment ކޮމެންޓް