މިދިޔަ އަހަރު ޕެރޯލަށް 241 ގައިދީން އެދުނު، މިނިވަންވީ ދެބައިކުޅަ އެއްބަޔަށްވުރެ މަދުން

ގައިދީއެއް: -- ފޮޓޯ/ ކަރެކްޝަންސް

މިދިޔަ އަހަރު ޕެރޯލްގެ ދަށުން މިނިވަންވުމަށް 241 ގައިދީއަކު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 189 ފޯމެވެ. ޕެރޯލް ބޯޑުން ނިންމި ގޮތުގެ މަތިން 42 މީހަކަށް ޕެރޯލް ދީފައިވާއިރު 44 މީހެއްގެ ހުށަހެޅުން ވަނީ ބާތިލުކޮށްފައެވެ. އަދި 25 މީހަކު ޕެރޯލްގެ ފުރުސަތު ބޭނުން ނުވާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން 22 މީހަކު ޕެރޯލްގެ މުއްދަތު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ. ޖުމްލަ 27 މީހަކު މިނިވަންކޮށް މުޖުތަމައަށް ނެރެވުނު ނަމަވެސް، ޒިންމާ ނަގާނެ ފަރާތެއް ނެތުމުން ބައެއް މައްސަލަތައް މަޑުޖެހިފައިވާކަން ފާހަގަކުރެވެއެވެ.

  • ޕެރޯލަށް އެދުނު 241 ގައިދީންގެ ތެރެއިން ޝަރުތު ހަމަވީ 189 މީހުން
  • ޕެރޯލް ބޯޑުން 42 މީހަކަށް ޕެރޯލް ދިނުމަށް ނިންމި
  • 44 މީހެއްގެ ޕެރޯލް ހުށަހެޅުން ބާތިލުކުރެވުނު
  • 27 މީހަކު އަނބުރާ މުޖުތަމައަށް ނެރެވުނު
  • އާއިލީ އަދި އިޖުތިމާއީ އެހީތެރިކަން ނެތުމުގެ ސަބަބުން ބައެއް މައްސަލަތައް މަޑުޖެހުނު

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން މިނިވަންވީ ދެބައިކުޅަ އެއްބަޔަށް ވުރެ މަދު އަދަދެއްގެ ގައިދީން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު ޕެރޯލަށް އެދި ޖުމްލަ 241 ފޯމު ހުށަހަޅާފައިވެއެވެ.

މީގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 189 ފޯމެވެ. ޖުމްލަ 43 ފޯމެއްގެ ޝަރުތު ހަމަނުވާއިރު، އަށް ފޯމެއް ހުށަހަޅާފައިވަނީ ފުރިހަމަ ނުކޮށެވެ. މީގެ އިތުރުން، އެއް މައްސަލައެއްގައި ގާނޫނީ ލަފާ ހޯދުމަށް ވަނީ ފޮނުވައިފައެވެ.

ޝަރުތު ހަމަވި 189 ހުށަހެޅުމުގެ ތެރެއިން 42 ފޯމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. 32 މައްސަލައެއްގެ މަސައްކަތް މުޅިން ނިމިފައިވާއިރު، 86 މައްސަލައެއް ގޮތް ނިންމުމަށްޓަކައި ހުށަހެޅިއެވެ. އެ 86 މައްސަލައިގެ ތެރެއިން ޕެރޯލް ބޯޑުން 42 މީހަކަށް ޕެރޯލް ދިނުމަށް ނިންމާފައިވާއިރު، 44 މީހެއްގެ ހުށަހެޅުން ވަނީ ބާތިލުކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި 22 މީހަކު އެއްވެސް އުސޫލަކާ ހިލާފުނުވެ ޕެރޯލްގެ މުއްދަތު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބުނު 25 މީހަކު ވަނީ އެ ފުރުސަތުގެ ބޭނުން ހިފަން އިއުތިރާޒުކޮށްފައެވެ.

ގައިދީން އަނބުރާ މުޖުތަމައަށް ނެރުމުގައި އިޖުތިމާއީ ގޮތުންނާއި އާއިލީ ގޮތުން ދިމާވާ ގޮންޖެހުންތައް ވެސް ކަރެކްޝަންސްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މިނިވަންވުމަށްފަހު ޒިންމާ ނަގާނެ ފަރާތެއް ނެތުމުގެ ސަބަބުން ދެ މައްސަލައެއް ކުރިއަށް ނުގެންދެވި މަޑުޖެހިފައިވެއެވެ. ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު ޕެރޯލްގެ އުސޫލުގެ ތެރެއިން 27 މީހަކު ވަނީ އަނބުރާ މުޖުތަމައަށް ނެރެފައެވެ.

comment ކޮމެންޓް