ގައުމީ ޓީމުގެ ކޯޗު ކަމުގައި ހުރިހާ ހިނދަކު މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ)އަށް ދެން ޓީމުން ފުރުސަތެއް ނުދޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ މާލޭގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުން ފަހުގެ ތައްޔާރީތައް ވަމުން ދާއިރު، އީސަ ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށް ދަނިކޮށް ދަނޑުން ފައިބާފައެވެ. އޭގެ ފަހުން އޭނާ ފެނިގެންދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރިތަކުރުންތަކުންނެވެ.
އޮމާން މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސްޓެވާޓް ބުނީ، އީސަ ގައުމީ ޓީމުން ވަކިވި ސަބަބާ މެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި އެ ސުވާލު އޭނާއަށް ކޮށްލުން ރަނގަޅުވާނެ ކަމަށެވެ.
"މެސީ ގައުމީ ޓީމުން ވަކިވާން ނިންމި ސަބަބު އޭނާ ކައިރީ އަހާލުން ރަނގަޅު. އެކަމަކު އަހަރެންގެ ކޯޗު ކަމުގައެއް ދެން އޭނާއަށް ގައުމީ ޓީމުން ފުރުސަތެއް ނުދޭނަން،" ސްޓެވާޓް ބުންޏެވެ.
އެކަމާ ގުޅޭގޮތުން މީގެ ކުރިން އީސަ ބުނީ، އޭނާ ގައުމީ ޓީމުން ވަކިވާން ނިންމީ މާ ބޮޑު މައްސަލަތަކެއް އޮވެގެނެއް ނޫން ކަމަށާއި އަމިއްލަ ސަބަބަކާ ހުރެ މި ވަގުތަށް އެންމެ ރަނގަޅީ ގައުމީ ޓީމަށް ނުދިއުން ކަމަށް އޭނާއަށް ފެންނާތީ ކަމަށެވެ.
"އަމިއްލަ ސަބަބަކާ ހުރެ މި ވަގުތަށް ނިންމީ ގައުމީ ޓީމަށް ނުދާން. މި ވަގުތު އަޅުގަނޑަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ގައުމީ ޓީމާ ދުރަށް ޖެހިލުން ކަމަށް އަޅުގަނޑަށް ފެންނަނީ، އެހެންވެ ޓީމު ދޫކޮށްލީ،" އީސަ ބުނެފައިވެއެވެ.
މި ސީޒަނުގެ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހު، ދިވެހި ޕްރިމިއާ ލީގުގައި އޭނާ ކުޅެމުންދަނީ މާޒިޔާއަށެވެ. އީސައަކީ މިހާރު މާޒިޔާގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.