ގެއްލުމުގެ ބަދަލުގެ ގޮތުގައި 11.65 މިލިއަން ރުފިޔާ ހޯދަން ރާއްޖެ ޓީވީން ދައުވާ ކޮށްފި

ރާއްޖެ ޓީވީ ކުރިން ހިންގި އިމާރާތުގައި ރޯކޮށްލާފައި ----

ދެހާސް ތޭރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ އެރު ހިންގަމުންދިޔަ އިމާރާތުގައި ރޯކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 11.65 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް އެ ސްޓޭޝަނުން ދައުވާކޮށްފި އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ "ސަން" އަށް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ.

"ރާއްޖެޓީވީ ރޯކޮށްލި ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން އެނގޭގޮތުގައި އެކަމުގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް ރާއްޖެ ޓީވީއަށް ވަނީ ލިބިފައި،" ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ރާއްޖެޓީވީ ކުރިން ހިންގަމުން ދިޔަ އިމާރާތުގައި ރޯކޮށްލުމުގެ ކުރިން އޮކްޓޯބަރު ހަ ވަނަ ދުވަހު އެ ސްޓޭޝަނަށް ވަނީ އިންޒާރުތަކެއް ލިބިފައި ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެތަނުގައި އަލިފާން ރޯކޮށްލާފައި ވަނީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިމަޔާތް ފޯރުކޮށްދީފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޓީވީ ކުރިން ހިންގި އިމާރާތުގައި ރޯކޮށްލި އިރު، އިންޝުއަރެންސް މުއްދަތު ވަނީ ހަމަވެފައި ކަމަށާއި އިންޝުއަރެންސް އާ ކުރުމުގެ މަސައްކަތްތައް ދިޔައީ ކުރަމުން ކަމަށެވެ. ނަމަވެސް އެކަންނުވެ ވަނިކޮށް ހުޅުޖަހާފައިވާތީ އިންޝުއަރެންސް އެހީ ލިބިފައި ނުވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"ރާއްޖެޓީވީ އަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި މިހާބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ޖަވާބެއްވެސް ލިބިފައިނުވޭ،" ފިޔާޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށް ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް ދައުވާ އުފުލާފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ހ. ގަސްވާ މުހައްމަދު މީއާދެވެ. އޭނާގެ ޝަރީއަތް އަދިވެސް ނިމިފައެއްނުވެ އެވެ.

comment ކޮމެންޓް