ކަރެކްޝަންސްގެ އޭސީޕީއަށް ވަޒީފާދޭން ހުކުމްކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. އާސިފް ވަޒީފާއިން ވަކިކުރީ ޕްރިޒަންސް ކްލަބުގެ އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައެއްގައެވެ. މި މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑް ކުރުމަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ މަގާމުން ވަކިކުރީ ބަލަންޖެހޭ ކަންކަން ނުބަލައި އަދި އަދުލުވެރިކަމާއެކު ނޫން ކަމަށް ބުނެ، އާސިފްގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަންކުރުން ވެސް ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު އޮތީ މަނާކުރައްވާފައެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ، އާސިފް އަލުން މަގާމަށް އައްޔަންކުރުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދައުލަތުން އޭނާއަށް ދިނުމަށް އަމުރުކޮށްފައެވެ.

  • ކަރެކްޝަންސްގެ އޭސީޕީ މުހައްމަދު އާސިފް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި
  • އާސިފް ވަޒީފާއިން ވަކިކުރީ ޕްރިޒަންސް ކްލަބުގެ 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށް
  • މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރު އެ މަގާމަށް އެހެން މީހަކު އައްޔަންކުރުން ކޯޓުން އޮތީ ހުއްޓުވާފައި
  • އަލުން ވަޒީފާ ދިނުމަށާއި ވަޒީފާގައި ނެތް މުއްދަތުގެ މުސާރަ ދިނުމަށް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފި

ޕްރިޒަންސް ކްލަބުގެ ފައިސާއަށް ހިޔާނަތްތެރިވީ ކަމަށް ތުހުމަތުކޮށް، ސަސްޕެންޝަންގައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު، ވަޒީފާއިން ވަކިކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދޭން ކޯޓުން ހުކުމްކޮށްފިއެވެ.

ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ ފައިސާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭނާއަށް އަލުން ވަޒީފާ ދޭން، ހުކުމް ކުރީ ސިވިލް ކޯޓުންނެވެ.

އާސިފް ސަސްޕެންޑު ކުރީ، އާސިފް އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއްގައެވެ. އެކަން މީޑިއާގައި ރިޕޯޓް ކުރުމުން، އާސިފް ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު ވަޒީފާއިން ވަކިކުރުމުން، އޭނާ ދިޔައީ ކޯޓަށެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމުން، މައްސަލަ ނިމެންދެން، އެ މަގާމަށް އިތުރު މީހަކު މީހަކު ނެގުން ކޯޓުން އޮތީވެސް ހުއްޓުވާފައެވެ. ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ކަރެކްޝަންސްގެ މައްޗަށް އަމުރުކުރެއްވީ، އާސިފް އަދާކުރެއްވި އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމަށް މުވައްޒަފަކު ނެގުން މަޑުޖައްސާލައި، މުވައްޒަފެއް ނަގަން މަސައްކަތްކުރާ ނަމަ އެކަން ކުރުން ހުއްޓާލުމަށެވެ.

އެހެން އެކަން އޮތުމަށް ފަހު، ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އާސިފު މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ އެ މަގާމަށް އަލުން އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ.

މި މައްސަލައިގައި އާސިފްގެ ފަރާތުން އެދިފައިވަނީވެސް އޭނާ ވަޒީފާއިން ވަކިކުރީ ބަލަން ޖެހޭ ކަންކަން ނުބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށާއި އެހެންވެ، އޭނާ ވަޒީފާއިން ވަކިކުރަން ކަރެކްޝަނުން ނިންމި ނިންމުން ބާތިލްކުރުމަށެވެ.

comment ކޮމެންޓް