ބާސާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ނޭމާ ޔޫއެފާގައި އެދިއްޖެ

ނޭމާ ޖޫނިއާ--

ޕީއެސްޖީގެ ތަރި ނޭމާ، އޭނާގެ ކުރީގެ ކްލަބު ބާސެލޯނާއާ މެދު ފިޔަވަޅު އަޅައިދުމަށް ޔޫޕަރުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާގައި އެދިއްޖެ ކަމަށް ސްޕެއިންގެެ ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ އޭއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޭމާ އޭނާގެ ކުރީގެ ކްލަބާމެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވަނީ 23 މިލިއަން ޕައުންޑުގެ ލޮޔަލްޓީ ބޯނަހެއް އޭނާއަށް ދޭން ބާސާއިން ދެކޮޅު ހެދުމާ ގުޅިގެން ނޭމާގެ ލޯޔަރުންގެ ލަފާގެ މަތިންނެވެ. މި މައްސަލައިގައި އަދަބެއްގެ ގޮތުން ނޭމާ އެދިފައިވަނީ ބާސާ ޗެމްޕިއަންސް ލީގުން ބޭރުކޮށްދިނުމަަށެވެ. ނަމަވެސް ޔޫއެފާއިން އަދި މި މައްސަލަ ބަލައިގަތްކަމެއް ނުވަތަ ނޫން ކަމެއް ސާފުވެފައެއް ނުވެއެވެ.

މައްސަލައާ ގުޅިގެން ބާސާއިން ނުވަތަ ނޭމާގެ ފަރާތުން ވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާއިރު، 198 މިލިއަން ޕައުންޑުގެ އަގަކަށް ނޭމާ ދުނިޔޭގެ ރެކެޑް މުގުރާލުމަށްފަހު ފްރާންސްގެ ޕީއެސްޖީ އާ ގުޅުމަށްފަހު އޭނާއާއި އޭނާގެ ކުރީގެ ކްލަބު ބާސާ އާ ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފައެވެ.

ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ފަހުން ނޭމާ ވަނީ އޭނާގެ އާ ކްލަބަށް މިހާތަނަށް ޖުމުލަ އަށް މެޗު ކުޅެފައެވެ. އަދި ފްރެންޗް ލީގާއި ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު މެޗުތަކުގައި މިހާތަނަށް އަށް ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

comment ކޮމެންޓް