ސަލާމަތީ ބާރުތަކުން އެކަނި މަސައްކަތްކޮށްގެން މާރާމާރީތައް ނުހުއްޓުވޭނެ: މައުމޫން

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވާހަަކަ ދައްކަވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަލާމަތީ ބާރުތަކުން އެކަނި މަސައްކަތްކޮށްގެން މާރާމާރީތައް ނުހުއްޓުވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ސަލާމަތީ ބާރުތަކުގެ އިތުރުން ރައްޔިތުން ވެސް މާރާމާރީ ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާރާމާރީތައް ހުއްޓުވުމުގައި ސަލާމަތީ ބާރުތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށެވެ. ފުލުހުން އަވަދިނެތި އުޅެނީ މަޖިލިސް މެމްބަރުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ކަމަށް މައުމޫން މިރޭ ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ބޭނުންވަނީ އަމަންއަމާންކަން ކަމަށާއި އަމާންކަން ގާއިމްކޮށް ރައްޔިތުންގެ މުދާ ހިމާޔަތް ނުކުރެވޭނަމަ އިތުރަށް ބޭނުންވާނެ ކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މީހުން މަރަމުން ގޮސް މީހުން ހުސްވީމަ ކޮން ތަރައްގީއެއްތޯ، ކޮން މަދަރުސާއެއް ތޯ، ކޮން ހޮސްޕިޓަލްތަކެއްތޯ. ކޮން ވަޒީފާތަކެއްތޯ. ކޮން އެއާޕޯޓް ތަކެއްތޯ. ބޭނުމެއް ނެތެއް ނޫންތޯ. މި ހުރިހާ ތަނެއްގެ ބޭނުމަކީ އިންސާނުން ތިބެގެން އޭގެ ފައިދާ ހާސިލް ކުރުން،" ރައީސް މައުމޫން ވިދާޅުވިއެވެ.

މިރޭގެ ވާހަކަފުޅުގައި މައުމޫން ވަނީ ސަރުކާރަށް އެކި ކަންކަމާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

comment ކޮމެންޓް