ޝުކުރު އަދާކުރިޔަަސް، ޓީޗަރުން ކުރާ ހިދުމަތުގެ އަގު އަދާނުކުރެވޭނެ: މިނިސްޓަރު

ގަލޮޅު މަދަރުސާގެ ދަރިވަރެއްގެ ގައިގާ ޓީޗަރަކު ބައްދާލަނީ: މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ރާއްޖޭގެ ސްކޫލްތަކުގައި ކުލަގަދަކޮށް ދަނީ ފާހަގަކުރަމުން --- ސަން ފޮޓޯ/ އަފްރާހް

މުދައްރިސުން އަގުހުރި ހިދުމަތަށް ކިތަންމެ ފަހަރަކު ޝުކުރުވެރިވީނަމަވެސް، އެ ހިދުމަތުގެ އަގު އަދާނުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް އަރިސްކޮށް މިނިސްޓަރު ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ، އަހަރުގެ ވަކި ދުވަހެއް މުދައްރިސުންގެ ނަމަށް ހާއްސަކުރެވި، ފާހަގަކުރުމުގެ އެންމެބޮޑު ބޭނުމަކީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހިތްވަރުދީ، ހިދުމަތަށް ޝުކުރުވެރިވުމަށް ކަމަށެވެ.

އެގޮތުން ސަރުކާރުގެ ތައުލީމީ ސިޔާސަތާ އެއްގޮތަށް ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތުގެ ފުރުސަތު ފަހިކޮށްދިނުމަށް ފަށާފައިވާ ދަތުރުގައި އެންމެ މުހިއްމު އަދި އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަނީ މުދައްރިސުންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، މުޅި ގައުމުގެ އިގްތިސާދީ ހަކަތައަށް ބޭނުންވާ ދަރިވަރުން ތަމްރީނު ކުރެވެނީ މުދައްރިސުންގެ އަގުހުރި އަދި ބުރަ މަސައްކަތުން ކަމަށެވެ.

މިނިސްޓަރުގެ މެސެޖުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުންނަށާއި ސްކޫލްތަކުގެ ވެރިންނާއި އެންމެހާ މުވައްޒަފުންނަށް ވެސް ވަނީ ދުވަހުގެ ތަހްނިޔާ އަރިސް ކޮށްފައެވެ.

އަދި މުދައްރިސުން ތަމްރީނު ކުރެއްވުމުގެ ބުރަ މަސައްކަތްކުރައްވާ ތަފާތު މަރުކަޒުތަކުގެ ހުރިހާ މުވައްޒަފުންނަށާއި އެކި ދުވަސްވަރު މުދައްރިސްކަމުގެ މަގާމުގައި ހިދުމަތްކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވެސް މުދައްރިސުންގެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

comment ކޮމެންޓް