ސްކޫލުތަކަށް 600އަށް ވުރެ ގިނަ ސެން ޓީޗަރުން އަދިވެސް ބޭނުންވޭ: މިނިސްޓަރު

ސްކޫލެއްގެ ދަރިވަރުންތަކެއް: މިނިސްޓަރު ޝަފީއު ވަނީ 600 އަށް ވުރެ ގިނަ ސެން ޓީޗަރުން ސުކޫލުތަކަށް ބޭނުންވާ ކަމަށް ވިދާޅުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ 600އަށް ވުރެ ގިނަ ސެން ޓީޗަރުން ސްކޫލްތަކަށް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ރޭ ބޭއްވި ޕެނަލް ޑިސްކަޝަން 'ރިޔާސީ ބަޔާން 2025'ގައި މިނިސްޓަރު ޝަފީއު ވަނީ ރާއްޖޭގެ ސުކޫލުތަކުގައި މިހާރު ކިޔަވައިދޭ ޓީޗަރުން މަދުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިހާރު ވެސް 230އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން ރާއްޖޭގެ ސުކޫލުތަކަށް ބޭނުންވާ ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ 'ސެން' ޓީޗަރުން ގިނަ އަދަދަކަށް ބޭނުންވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ޚާއްސަ ލަފައާ އެއްކޮށް، ޓީޗަރުންނަށް އޯގާތެރިވެގެން މި ދާއިރާއަށްއަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިގޮތުން، މިނިސްޓަރު ޝަފީއުވަނީ ތައުލީމީ ދާއިރާއަށް އިތުރަށް ޒުވާނުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝަފީއު: ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކަށް 600 އަށް ވުރެ ގިނަ ސެން ޓީޗަރުން އަދިވެސް ބޭނުންވާ ކަމަށް --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރަން އިތުރު ކުދިން ޓީޗިން ކޯސްތަކަށް ވަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ޓީޗަރުން ބިނާކުރުމުގެ ގައުމީ ޕްރޮގްރާމުގައި 100އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިފަދަ ގޮތަކަށް އަޅުގަނޑުމެންނަށް ޕޮޒިޓިވްކޮށް ދާއިރާ ބައްޓަން ކުރެވިއްޖެ ކަމަށްވަނީނަމަ، ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ ތައުލީމީ ގާބިލް، ޒުވާން ޓީޗިން ފޯސްއެއް އަޅުގަނޑުމެންނަށް ބިނާކުރެވިގެންދާނެއެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން އިތުރު ޓީޗަރުން ބޭނުންވާއިރު، މީގެ ކުރިން ރައީސް ވަނީ ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުން އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށް ވެސް 20،000އަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ. އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް ލިބެނީ 32،218 ރުފިޔާއެވެ.

comment ކޮމެންޓް