MTCC
Dhiraagu

ދިރާސީ އަހަރަށް ތައްޔާރުވެވި، ޓީޗަރުންގެ ދަތިކަން ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: ދިރާސީ އަހަރަށް ތައްޔާރުވެވި، ޓީޗަރުންގެ ދަތިކަން ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މާދަމާ ފެށޭ ދިރާސީ އައު އަހަރަށް ރަނގަޅަށް ތައްޔާރުވެވި، މިއިން ޒަމާނަކު ވެސް ނުވާހައި މިންވަރަށް، ޓީޗަރުންގެ ދަތިކަމުގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.

Ooredoo

މި ކަމަށް ޓަކައި އެޑިއުކޭޝަން މިނިސްޓްރީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާދަމާ ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު ވަސީލަތްތައް ހަމަވާނެ ކަމަށެވެ. އެ ގޮތުން ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީގެ އިތުރުން، ޓީޗަރުންގެ ކަންކަން ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"...ﷲގެ ރަހުމަތްފުޅާ އެކުގައި މި ދިރާސީ އަހަރަށް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ތައްޔާރު ވެވިއްޖެ. ސްކޫލްތަކަށް ފޮތްތައް ވާނީ ފޮނުވިފައި. އެއާއެކުގައި އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، މިއިން ޒަމާނަކު ވެސް ޓީޗަރުންގެ ކަންތައްތައް ރަނގަޅު ނުކުރެވޭ މިންވަރަކަށް މި އަހަރުގައިވާނީ އިރާދަ ކުރެއްވިއްޔާ ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ޓީޗަރުންގެ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 1،800 ބިދޭސީ ޓީޗަރުން ރާއްޖޭގައި މަަސައްކަތް ކުރެއެވެ.

ވަޒީފާއަށް ނިކުންނަންޖެހޭ ދުވަހާ ވަރަށް ގާތްކޮށްފައި ބައެއް ބިދޭސީ ޓީޗަރުން ވަޒީފާއިން ވަކިވާ ކަމަށާއި، އެހެން ނަމަވެސް މި އަހަރު އެ ގޮތަށް ވަކިވީ ޓީޗަރުންގެ އަދަދު ވަރަށް މަދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އެ ގޮތަށް ވަކިވެފައިވަނީ ގާތްގަނޑަކަށް 14 ޓީޗަރުންނެވެ.

ވަކިވި ޓީޗަރުންގެ ބަދަލުގައި އިތުރު ޓީޗަރުން މި ހަފުތާގެ ތެރޭގައި ހަމަޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ޓީޗަރުން މަދުވުމުގެ ކަންބޮޑުވުން އޮންނަތާ ވަނީ އެތައް ދުވަހެއް ވެފައެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަ މާލެ ސަރަހައްދުގައި މާ ބޮޑަށް ނެތްއިރު، ގޮންޖެހުން ބޮޑީ އާބާދީ މަދު އަތޮޅު ތެރޭގެ ރަށްތަކަށް ކަމަށެވެ.

"އިއުލާނުކުރިޔަކަސް މީހަކު ކުރިމައްޗެއް ނުލައި. އެކަމަކު މާލެ އޭރިއާގައި އަޅުގަނޑުމެން އިއުލާނުކޮށްފިނަމަ، ވަރަށް ބައިވަރު މީހުން ކުރިމަތިލައްވާނެ އެ އިއުލާނަށް. ކުރިމަތިލައްވައިގެން ހޮވޭތޯ މަސައްކަތް ކުރައްވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުން ނުލިބުމުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލަކަށް އިސްލާމް ޓީޗަރަކު ހޯދުމަށް މިނިސްޓްރީން ނުވަ ފަހަރު އިއުލާނު ކޮށްގެން ވެސް ކާމިޔާބެއް ނުވި ކަމެވެ. އެހެންވެ އެ ސްކޫލުގެ ދަރިވަރުންނަށް އިސްލާމް ކިޔަވައިދެނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިމާވެފައިވާ ގޮންޖެހުންތަކާއެކުގައި ވެސް އުނގެނުމުގެ ހައްގު ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.

މާދަމާ ފަށާ ދިރާސީ އަހަރު އަންނަ ޑިސެމްބަރު މަހުގެ 25އަށް ނިމެނޭއެވެ. އެއަށްފަހު އައު ދިރާސީ އަހަރު ފަށާނީ ޖަނަވަރީ 27ގައެވެ.

ދިރާސީ އަހަރު ޖަނަވަރީ މަހު ފަށާ ގޮތަށް ބަދަލު ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Redstar
comment ކޮމެންޓް

comment ދާއޫދޫ

1 week 2 day ago

ދިވެހި ރާއްޖެ ދުއް އެންމެ ނާގާބިލު އެޑިއުކޭޝަން މިނިސްތަރ މިހާރު މިހިރީ މިިނިސްޓަރ އިސްމާއީލް (ކަޑަ)

comment ޝަހް

1 week 3 day ago

ތިއީ މިނިސްޓަރަކު ދައްކަންޖެހޭ ކަހަލަ ވާހަކައެއްނޫން. ތިއީ ސުޕަވައިޒަރުންނާއި ޕުރިންސިޕަލުން ދައްކަން ޖެހޭކަހަލަ ވާހަކަ. މިނިސްޓަރު ބުނެދީބަލަ ތައުލީމީ ދާއިރާއަށް މިވޭތުވެދިޔަ އަހަރަކާއި 3 މަސް ތެރޭ ގެނެވުނު ތަރައްގީއެއްގެވާހަކަ؟

comment ސްކޫލްތަކުން

1 week 3 day ago

ބޭރުމީހުންނަށްވުރެ، ދިވެހިންނަށް އިސްކަން ދޭންޖެހެއެވެ. ސިވިލް ސާރވިސް ގާނޫނު....އެކަމަކު ސްކޫލްތަކުގެ އެޗްއާރުން ނުބަލާ....