މާލެއާ އެއްވަރަށް ރަށްރަށުގައި ކަރަންޓު އަގުހެޔޮކުރީމަ ވާނީ ގެއްލުން: ފެނަކަ

ފެނަކައިގެ އެމްޑީ ޝަރީފު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފައިލް ފޮޓޯ

މާލޭގައި ކަރަންޓާއި ފެނާ ދޫކުރާ ރޭޓުން ރަށްރަށުގައި ދޫކުރަން ފަށައިފިނަމަ ބޮޑުތަނުން ގެއްލުންވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފަ އެވެ.

އައްޑޫގައި ފެނާއި ކަރަންޓުގެ އަގު މާލެއަށްވުރެ ބޮޑުކޮށް ނަގާތީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިގެން ބަލާ މައްސަލައިގައި މިއަދު ވަނީ ފެނަކައިގެ އެމްޑީ ޝަރީފް އާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ސްޓެލްކޯގެ އެމްޑީ އަހުމަދު ޒުހޫރު އަދި އެމްޑަބުލިއުއެސްސީ ގެ އެމްޑީ ފަޒުލް ރަޝީދު ހާޒިރުކޮށްފަ އެވެ.

ކޮމިޓީގައި ވާހަދައްކަމުން ޝަރީފް ވިދާޅުވީ ފަނަކައިން ޖުމްލަ 52،596 މީޓަރަށް ހިދުމަތް ދެމުންދާ ކަމަށެވެ. އެއީ ޖުމްލަ 148 އިންޖީނުން ކަމަށް ވިދާޅުވި އެވެ.

މިހާރު ރަށްރަށުގައި ކަރަންޓު ދޭ އަގު މާލެއާ އެއްވަރުކޮށްފިނަމަ ޓެރިފުން 41 މިލިއަން އުނިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ފެނަކަ އަކީ ރާއްޖޭގައި އެންމެ ބޮޑު އޮޕަރޭޝަނެއް ހިންގާ އެއީ ކުންފުނި ކަމަށެވެ. ޝަރީފު ވިދާޅުވީ ކަރަންޓުގެ އަގުބޮޑު ނުވާ ކަމަށާއި ބޮޑުވީ ކަރަންޓު ބޭނުންކުރާ އަދަދު ކަމަށެވެ.

"ކަރަންޓު ބިލު ބޮޑުވާ ސަބަބުތަކުގެ ތެރޭގައި ޖައްވު ހޫނުވުމުގެ ސަބަބުން. ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔުން. އަދި ދިރިއުޅުމައްޓަކައި ބޭނުންކުރާ ވަސީލަތްތައް އިތުރުވުން." ޝަރީފު ވިދާޅުވި އެވެ.

ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބޭނުންކުރާ އަދަދު ގިނަކަން ޝަރީފު ފާހަގަކުރި އެވެ. އެހެންވެ ހޫނު ދުވަސްވަރެއް އަންނަ މަސްތަކުގައި ކަރަންޓޫ ބިލު ބޮޑުވެފައި ހުރި ކަމަށް ޝަރީފު ވިދާޅުވި އެވެ.

ފެނަކައިގެ ހަރަދު ކުޑަކުރުމުގެ ޕްލޭން

ޝަރީފު ވިދާޅުވީ ފެނަކައިގެ ހަރަދު ކުޑަކުރުމުގެ ޕްލޭނެއް ހަދަިއގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ އެޑްމިނިސްޓްރޭޓިވް ކޮސްޓް ކުޑަކުރު ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އާމްދަނީއަށް ލިބޭ އަގުގެ 50 ޕަސެންޓ ތެލަށް ހަރަދުކުރަން ޖެހޭތީ ތެޔޮ އެފިޝިއެންޓްކޮށް ބޭނުން ކުރުމަށް ކޭނިޒަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެގޮތުން އިންޖީނުތަކުގައި ފްލޯ މީޓާސް ހަރުކުރުމަށް ރާވަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"200 ކިލޯވޯޓަށްވުރެ ދަށްކޮށް ކަރަންޓު ބޭނުންކުރާ ރަށްރަށަށް އަށްގަޑިއިރު ނުވަތަ ނުވަ ގަޑިއިރު ބެޓެރިން ކަރަންޓު ދެވޭނެ ގޮތެއް ގާއިމް ކުރުމަށް އެބަ ބަލަން، އެއީ 94 ރަށް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މީގެކުރިން ރަށްރަށުގައި ބޭނުންކޮށްފައި ހުރި ޖަނަރޭޓަރުތައް މަރާމާތު ކުރުމަށްވެސް ކޮންމެ މަހެއްގެ އާމްދަނީއިން ބޮޑު ހަރަދެއް ދާ ކަމަށެވެ. އެއީވެސް ހަރަދު ބޮޑުވާ ސަބަބެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.

comment ކޮމެންޓް