ލަންކާގައި ހުއްޓައި މަހުލޫފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ސްރީލަންކާގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މަހުލޫފް މިއަދު "ސަން" އަށް ވިދާޅުވީ އޭނާ ފިއްލަވަން އުޅޭ ކަމަށް ތުހުމަތުކޮށް ޕާސްޕޯޓު ހިފެހެއްޓި ކަމުގެ ކޯޓު އަމުރު އޭނާގެ ގެއަށް އިއްޔެ ފުލުހުން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަކީ ފިލާނެ މީހެއް ނޫން ކަމަށާއި އިސްލާހީ މަސައްކަތް ކުރެވޭނީ ރާއްޖޭގައި ހުރެގެން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު މިވަގުތު މިހިރީ ބޭސްފަރުވާއަށް ސްރީލަންކާގައި. އަޅުގަނޑު ބޭސްފަރުވާ ނިމުނުހާ އަވަހަކަށް މާލެ ދާނަން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރާ މައްސަލަ އަކީ މިދިޔަ ޖުލައި 31 ވަނަ ދުވަހު ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މަޖިލިސް މެމްބަރުން ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މީގެކުރިން ވެސް އެއް މަސް ދުވަހަށް ޕާސްޕޯޓް ހިފެހެއްޓި ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ތަހުގީގެއް ހިންގާފައިނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ފުލުހުންގެ އިދާރާ އަށް މާދަމާ ހާޒިރުވާން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް