ޓޫރިސްޓުންތަކެެއް ތިބި ސަފާރީއެއް ފަރަކަަށް އަރައިފި

ސަފާރީ ފަރަށް އެރުމުން އޭގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ- ފޮޓޯ/އެމްއެންޑީއެފް

ޓޫރިސްޓުންތަކެއް ތިބި ސަފާރީއެއް ބ. ދިގުފަރު ފަރަށް އަރައިފި އެވެ.

ރޭ ފަތިހު 5:11ގައި ފަރަށް އަރާފައި ވަނީ "ސޮލެއިލް" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގި އިރު ސަފާރީގައި އަށް ޓޫރިސްޓުންނާއި ފަސް ފަޅުވެރިން ތިބި ކަމަށެވެ. އަދި ބިދޭސީ އަށް މީހަކު އެ ސަފާރީގައި ތިބި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ފަރަށް އެރިިއިރު ސަފާރީގައި ތިބި ޓޫރިސްޓުން މިހާރު ވަނީ ސަފާރީގެ ވެރިފަރާތުން ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފަ އެވެ.

ހާދިސާގެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސަފާރީ ފަރަށް އެރުމާ ގުޅިގެން ސަފާރީއަށް ދިޔަވަމުންދާތީވެ ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ކޯސްޓްގާޑުގެ ޑައިވިންގް ޓީމަކުން އެ ސަފާރީގެ ބަނޑުފިލާ ފަޅައިން ފޫގޮސްވާ ތަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސްް އެމްޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް