ފަޔަށް އަނިޔާވެ މޮރާޓާ 6 ހަފްތާއަށް ކުޅުމާ ދުރަށް

އަލްވާރޯ މޮރާޓާ--

މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ފަޔަށް އަނިޔާވެ ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

މޮރާޓާއަށް އަނިޔާވެފައިވާ ކަން ސްޕެނިޝް އެފްއޭ އިން ކަށަވަރުކޮށްދީފައިވާއިރު، އެ އަނިޔާގެ ސަބަބުން މުޅި އޮކްޓޯބަރު މަސް އެއްކޮށް އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އުންމީދު ކުރި ވަރަށް ވުރެ ބޮޑު އަނިޔާއެއް މޮރާޓާއަށް ލިބިފައިވާއިރު، ޗެލްސީގެ ސްކޮޑުގައި ސްޓްރައިކަރަކަށް ދެން ހުންނާނީ މިޗީ ބަޓްޝުއާއީ އެވެ. މިއީ ޗެލްސީއަށް ލީގު ކަމިޔާބު ކުރުމަށް އެޅޭ ހުރަހަކަށް ވެގެން ދާނެއެވެ.

އަނިޔާގެ ސަބަބުން މޮރާޓާއަށް ނުކުޅެވޭ މެޗުތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ރޯމާ އާ ދެކޮޅަށް ކުޅޭ ދެ މެޗުގެ އިތުރުން ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލެސް، ވެޓްފޯޑް، އެވަޓަން އަދި ބޯންމައުތާއި ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.

މޮރާޓާއަށް އަނިޔާވެފައި މިވަނީ އޭނާ ވަރަށް ރަނގަޅު ފޯމެއްގައި ހުއްޓައެވެ. އެގޮތުން އޭނާ ވަނީ މިހާނަތަށް ޗެލްސީއަށް ހަތް ލަނޑު ކާމިޔާބު ކޮށްދީފައެވެ.

comment ކޮމެންޓް