އެސްޕާނިޔޯލް މެޗަށް ފަހު ޒިދާންގެ ތައުރީފް އިސްކޯއަށް

ސްޕެނިޝް ލަލީގާގައި އެސްޕާނިޔޯލް ކޮޅަށް ލަނޑު ޖެހުމަށް ފަހު އިސްކޯ އުފާފާޅުކުރަނީ: އެ މެޗުގައި ރެއާލުން ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އިސްކޯ --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި އެސްޕާނިޔޯލް އަތުން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު ސްޕެއިން މިޑްފީލްޑަރު އިސްކޯއަށް ޒައިނުއްދީން ޒިދާން ތައުރީފްކޮށްފި އެވެ.

އެސްޕާނިޔޯލްއާ ދެކޮޅަށް ކުޅެ، ރެއާލް މޮޅުވި މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އިސްކޯ އެވެ. އެ މެޗުން ރެއާލް މޮޅުވި ނަމަވެސް، އެ ޓީމާއި ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާ ދެމެދު އަދިވެސް ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

އެ މެޗަށް ފަހު އުމުރުން 25 އަހަރުގެ އިސްކޯއާ ގުޅޭ ގޮތުން ރެއާލްގެ ކޯޗު ޒިދާން ބުނީ، އިސްކޯގެ ކުޅުން އިތުރަށް ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އޭނާ ފެންނަނީ ވަރަށް އިތުބާރާ އެކު ކުޅެމުންދާތަން. އިސްކޯއަށް އެނގޭނެ އޭނާއަކީ ރެއާލަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން. އޭނާ ކުރިއަށްދަނީ ވަރަށް ހަމަޖެހިގެން، އެއްވެސް ހާސްކަމެއް ނެތި. ޓީމުގެ އެހެން ކުޅުންތެރިންނާ އެކު ދަނޑުމަތީގައި އޭނާގެ ކުޅުން ފާހަގަކޮށްލެވޭ. އިސްކޯގެ ފަރާތުން އެފަދަ ކުޅުމެއް ފެންނާތީ އަހަރެން ވަރަށް ހިތްހަމަޖެހޭ،" ޒިދާން ބުންޏެވެ.

ސީޒަންގެ ކުރީކޮޅު އެންމެ އެދެވޭ ކުޅުން ނުދެއްކުނު ނަމަވެސް، މިހާރު ރެއާލުން ވަނީ ލަލީގާ ތާވަލުގެ ފަސްވަނައަށް ޖެހިލައިފަ އެވެ.

comment ކޮމެންޓް