''ދިއްދޫ އެއް ލައްކަ ކަޕް''ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރުގެ ދިއްދޫ އެއް ލައްކަ ކަޕްގެ ތެރެއިން: މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 3އިން 16ގެ ނިޔަލަށް ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ހއ. ދިއްދޫ އެއް ލައްކަ ކަޕް (އެމްޕީ އަބްދުއްލަތީފް ޗެލެންޖް ކަޕް)ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ޑިސެމްބަރު މަހު ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއް ލައްކަ ކަޕްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީ ކޮށްފައިވާ އެ ރަށުގެ ކްލަބު ޖަމިއްޔާ ތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެ ރަށުގައި ކުރިއަށްގެންދަވާ އެއް ލައްކަ ކަޕްގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ދިއްދޫގައި ހުންނަ މެންބަރު ލަތީފްގެ އޮފީހުން 16:00އިން 17:00އަށް އަދި 20:30އިން 22:00އަށް ލިބެން ހުންނާނެ ކަމަށް އިއުލާން ކޮށްފައިވެއެވެ.

މެންބަރު ލަތީފްގެ އޮފީހުން ނެރުނު އިއުލާންގައި ބުނެފައިވާ ގޮތުގައި، މުބާރާތުގައި ބައިވެރިވާން އެދޭ ކްލަބު ޖަމިއްޔާތަކުން ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 14 ވަނަ ދުވަހުގެ 22:00ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.

މިއީ އެއް ލައްކަ ކަޕް ބާއްވާ ހަތަރުވަނަ ފަހަރެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން 16ގެ ނިޔަލަށެވެ.

ދިއްދޫ އެއް ލައްކަ ކަޕްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު(ކ-2): މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 3އިން 16ގެ ނިޔަލަށް ---

އެއް ލައްކަ ކަޕްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ލަތީފް 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ، އެ މުބާރާތް ބޭއްވުމަކީ ދިއްދޫގެ ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށާއި އެ މުބާރާތަކީ ދިއްދޫއަށް އަންނަ ކުޅިވަރުގެ އީދެއް ކަމަށެވެ.

"މި މުބާރާތް ކުރިއަށްދާނީ ބޮޑު ޗުއްޓީގެ ތެރޭގައި. ޒުވާނުންގެ އިތުރުން ސްކޫލްތައް ބަންދު ދުވަސް ވަރަކަށްވާތީ އެ ކުދިންނަށް ވެސް ބައިވެރިވޭނެ. މި މުބާރާތަށް އެކި ރަށްރަށުން ވެސް ޒުވާނުން ދިއްދުއަށް ޒިޔާރަތް ކުރާނެ. މުބާރާތުގެ ސަބަބުން އެކުވެރިކަން އާލާވެ، އިޖުތިމާއީ ގުޅުން ބަދަހިވެގެން ދާނެ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވީދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ މުބާރާތް ވެސް ކުޅިވަރު ރޫހާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކްލަބު ޖަމިއްޔާތަކާއި ކުޅުންތެރިން އަދި ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. އަދި ދިއްދޫގެ ރީތި ނަން ދެމެހެއްޓުމަށް އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ދިއްދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

comment ކޮމެންޓް