ތައުލީމީ ސިޔާސަތު ކާމިޔާބުވާ މަންޒަރު ދަނީ ފެންނަމުން: މިނިސްޓަރު

"މައިލޯ ކަލާސް އެވޯޑް" ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރާނަން"، ތައުލީމީ ސިޔާސަތު ކާމިޔާބުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް އިއްޔެ ފޮނުއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ތައުލީމީ ސިޔާސަތު ކާމިޔާބުވާކަން ދަލީލު ކޮށްދެނީ ފާއިތުވެ ދިޔަ ހަތަރު އަހަރު ވެސް ސާނަވީ މަރުހަލާ ނިންމާ ދަރިވަރުންގެ ތެރެއިން ރަން ވަނަތައް ހާސިލްކުރި ދަރިވަރުންގެ އަދަދު އިތުރަވަމުން ދިއުން ކަމަށެވެ.

އަދި ސަރުކާރުގެ ތައުލީމީ ސިޔާސަތު ކާމިޔާބު ކުރުމަށް ސްކޫލްތަކާއި ބެލެނިވެރިން ގުޅިވަޑައިގަތް ކުރައްވާ މަސައްކަތް ފާހަގަކޮށް މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

އަދި މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތަކުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހެޔޮ އެދުންތައް ފޮނުވައި ކާމިޔާބު އިމްތިހާނަކަށް ވެސް މިނިސްޓަރުގެ މެސެޖުގައި އެދިވަޑައިގަތެވެ.

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާން އިއްޔެ ފެށި އިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން ބުނާގޮތުން މިފަހަރުގެ އިމްތިހާނުގައި ޖުމްލަ 197 ސްކޫލަކުން 5587 ދަރިވަރުން އިމްތިހާން ހަދާއިރު 52 ޕްރައިވެޓް ސެންޓަރަކުން 1538 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެ އެވެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތު ކާމިޔާބު ވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއިރު، މިދިޔަ އަހަރަކީ ރާއްޖޭގެ ސްކޫލް ތައުލީމް ފޯރުކޮށްދޭން ފެށިފަހުން ފާއިތުވެދިޔަ 84 އަހަރުގެ ތެރޭގައި އެންމެ ފަހުރުވެރި ނަތީޖާއެއް ހޯދި އަހަރެވެ.

އޯލެވެލް ނަތީޖާ ފާޅުކުރުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތުގައި އެކަން ފާހަގަކޮށް މިނިސްޓަރު އާއިޝަތު ޝިހާމް ވަނީ މިދިޔަ އަހަރަކީ ތައުލީމީ ދާއިރާއަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށް މިދިޔަ އަހަރު ލިބުނު ނަތީޖާއަކީ ހޯދުނު ރެކޯޑެއް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް