ސެލީނާ ވިހައިފި، އެއް ކުއްޖަކު ވަނީ މަރުވެފައި

ބޮލީވުޑްގެ އެކްޓްރެސް ސެލީނާ ޖެއިތުލީ ވިހައިފި އެވެ. ސެލީނާ ވިހާފައި ވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، ދުބާއީގަ އެވެ.

ސެލީނާ މިފަހަރު ވެސް ވިހާފައި ވަނީ އެއްމާބަނޑު ދެކުދިންނެވެ. ދެ ކުދިންނަށް ދީފައިވާ ނަމަކީ އާތުރް ޖެއިތުލީ ހާގް އަދި ޝަމްޝޭރް ޖެއިތުލީ ހާގް އެވެ.

ދެކުދިން ވިހައިފައިވީ ނަމަވެސް، ސީރިއަސް ހިތުގެ މައްސަލަތަކެއް ދިމާވެ ދެކުދިންގެ ތެރެއިން ޝަމްޝޭރް ވަނީ މަރުވެފަ އެވެ. ދެކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެފައިވާ ކަން ހާމަކުރީ ސެލީނާ ކުރި އަސަރުގަދަ ޕޯސްޓެއްގަ އެވެ.

އޭނާގެ ޕޯސްޓުގައި ބުނެފައި ވަނީ ބައެއް ފަހަރު ދިރިއުޅުން ބަދަލުވެގެން ދަނީ ކުރި ޕްލޭނާ މުޅިން ތަފާތުކޮށް ކަމަށެވެ. ސެލީނާގެ ބައްޕަ ވެސް މަރުވެފައި ވަނީ މީގެ ދެ މަސް ކުރިންނެވެ.

ބޮޑެތި ހިތާމަތަކެއް ކުރިމަތިވި ނަމަވެސް، އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަމަށާއި، އަނދިރި ކަމުން އަލި ކަމެއް ވެސް ފެންނާނެ ކަމަށް ސެލީނާ ވަނީ ބުނެފަ އެވެ. އަދި އެ އަލިކަމަކީ ދަރިފުޅު އާތުރު ކަމަށާއި އާތުރު ބޮޑުވާނެ މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުމާއި އެކުގައި ކަމަށް ސެލީނާ ބުންޏެވެ.

ސެލީނާ އާއި ވިޔަފާރިވެރިޔާ ޕީޓާ ހާގް ކައިވެނި ކުރީ 2011 ވަނަ އަހަރު އެވެ. ދެމީހުންނަށް ފުރަތަމަ ވެސް ލިބުނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. ވިންސްޓަން އަދި ވިރާޖް އަށް މިހާރު ފަސް އަހަރު ވަނީ ފުރިފަ އެވެ.

comment ކޮމެންޓް