"ތަނޫ ވެޑްސް މަނޫ 3"ގެ މަސައްކަތެއް ނުކުރަން: ޑައިރެކްޓަރު

ކާމިޔާބު ފިލްމު ސީރީޒް 'ތަނޫ ވެޑްސް މަނޫ'ގެ ތިން ވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ޑައިރެކްޓަރު އާނަންދު އެލް ރާއި ދޮގުކޮށްފި އެވެ.

ކަންގަނާ ރަނައުތު އަދި ރ.މާދަވަން އެކުގައި ފެނިގެން ދިޔަ އެ ފިލްމުގެ ދެ ބައެއް މިހާތަނަށް ވަނީ ރިލީޒް ކޮށްފަ އެވެ. ދެ ފިލްމަކީ ވެސް ބޮކްސްއޮފީހުގައި ހިޓް ވެގެން ދިޔަ ދެ ފިލްމެވެ.

ތިން ވަނަ ފިލްމެއްގެ މަސައްކަތް ފެށުމަށް ފަހު، ޑައިރެކްޓަރު އާނަންދު އާއި ކަންގަނާ އާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ފިލްމުގެ މަސައްކަތް ހުއްޓާލައިފައިވާ ކަމަށް ބުނެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ނަމަވެސް ވަރަށް ފަހުން މިޑް-ޑޭ ނޫހަށް ދިން އިންޓަވިއު އެއްގައި އާނަންދު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އާނަންދު ބުނީ ކަންގަނާ އާ ދެމެދު މައްސަލައެއް ނެތް ކަމަށާއި ފިލްމުގެ މަސައްކަތް ނުފެށިގެން އުޅެނީ އޭނާ އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

އާނަންދު މިހާރު ކުރަމުން އަންނަނީ ޝާހްރުކް ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޑްވާފް'ގެ މަސައްކަތެވެ. އަދި އެ ފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް 'ތަނޫ ވެޑްސް މަނޫ'ގެ ތިން ވަނަ ބައިގެ ސްކްރިޕްޓުގެ މަސައްކަތް ފަށާނެ ކަމަށް އާނަންދު ބުންޏެވެ.

އާނަންދު ވަނީ ދަނުޝް އާ އެކު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ ކަން ވެސް ހާމަކޮށްފަ އެވެ. އެހެންކަމުން 'ތަނޫ ވެޑްސް މަނޫ'ގެ އިތުރު ފިލްމެއް ބަލައިލުމަށް ދިގު އިންތިޒާރެއް ކުރަން ޖެހިދާނެ އެވެ.

comment ކޮމެންޓް