ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޯޓިން ލިސްބަން އާ ދެކޮޅަށް ނިކުންނަ އިރު، ބާސެލޯނާ ޖެހި ޖެހިގެން ގާއިމުކުރަމުންދާ މޮޅުވުގެ ސިލްސިލާ ދަމަހައްޓަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
ބާސާ އާ ސީޒާން ފެށީ ސްޕެނިޝް ސުޕާ ކަޕްގައި 1-5 ގެ އެގްރިގޭޓުން ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވުމާއެކުއެވެ. މިއާއެކު އެ ޓީމަށް މި ސީޒަނުގައި މާ އެދެވޭ ނަތީޖާތަކެއް ނުނެރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. ނަމަވެސް އޭގެ ފަހުން ބާސާ ވަނީ ޖެހިގެން އައި ހަތް މެޗުން މޮޅުވެ ފާޑުކިޔުންގެތެރީންގެ އަނގަ ބަންދު ކޮށްލާފައެވެ.
ބާސާގެ ކޯޗު ވަލްވާޑޭ ބުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި މިރޭ ސްޕޯޓިން އާ ދެކޮޅަށް ބާސާ ނިކުންނާނީ ޖެހި ޖެހިގެން އަށް ވަނަ މެޗުން މޮޅުވުމަށް ކަމަށާއި މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
"ސީޒަން ފެށުނު އިރު މީހުން ބުނި އަހަރެމެންނަކީ ފެތެމުންދާ އޮޑިއެކޭ. ނަމަވެސް މިހާރު އެ ހުރިހާ ކަމެއް ބަދަލުވެ މެޗުން މޮޅު ވަމުން މިދަނީ. މިހެން ބުންޏަސް އަންނަ މަހު މިކަން ބަދަލުވެދާނެ. މުހިންމީ މާޒީއަށް ނުބަލައި ކުރިއަށް ހުރި މެޗުތަކަށް މުހިންމުކަން ދިނުން،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަލްވާޑޭ ބުންޏެވެ.
އޭނާ ބުނީ މޮޅުވާނަމަ މީޑިއާ ތަކުގައި ވެސް ދައްކާނީ ބާސާގެ ރަނގަޅު ވާހަކަ ކަމަށާއި ނަމަވެސް ދަށް ވާން ފެށުމުން އެކަން ވަރަށް އަވަހަށް ބަދަލުވާނެ ކަމަށެވެ. އަދި މިވަގުތު އޭނާ އެންމެ އިސްކަމެއް ދެނީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި ޓީމުގެ ކުޅުން މެޗަކަށް ވުރެ މެޗެއް ރަނގަޅު ކުރުވުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ސްޕޯޓިން އާ ދެކޮޅަށް ނިކުންނަ މެޗު ފަސޭހަ އެއް ނުވާނެ. އެއީ ވަރުގަދަ ޓީމެއް. ހަލުވި ކުޅުމެއް ކުޅޭ ޓީމެއް. އެހެންކަމުން އަހަރެމެން ޖެހޭނެ އެ މީހުންގެ އަރިމަތިން ކުޅޭ ކުޅުންތެރިންނަށް ވަރަށް ސަމާލު ވާން. އަހަރެމެން ޖެހޭނެ ބޯޅަ ހިފަހައްޓައިގެން ކުޅެން،" އޭނާ ބުންޏެވެ.
ބާސާ އެކޭ އެއްގޮތަށް ސްޕޯޓިން ވެސް ސީޒަން ފަށާފައި ވަނީ ވަރަށް ރަނގަޅަށެވެ. އެގޮތުން ޕޯޗުގީސް ލީގުގައި އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ އެއް މެޗުން ވަނީ އެއްވަރު ވެފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއްވަނަ ލިބިގެން ދާނެއެވެ.